ކޯވިޑް-19 އާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ގަރާރުގައި ބުނެފައިވަނީ މި މުއްދަތު ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކޯވިޑް-19 ފެތުރުން އިތުރުވަމުން ދާތީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

މި ގޮތަށް ނިންމެވީ ކޯވިޑުގެ ނުރައްކާތެރިކަން ކުޑަކުރުމަށާއި ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީކަމަށް ވެސް ޤަރާރުގައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރީ މާޗް މަހުގެ 12 ވަނަދުވަހުގައެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވަމުން އަންނާތީ 9 ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް އިއްޔެ ޕޮޒިޓިވްވެފައިވަނީ 26 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11812 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10991 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 38 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 786 އަށް އަރާފައިވާއިރު، 185 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 52 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.