ރާއްޖެގައި މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް ކަމަށާއި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް ފާހަގަކުރަށްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއިން ހަދަން ޖެހޭ ޤާނުނުތައް ނުހަދައި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި އެކަން އެމަގުން ނުކުރެވޭނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
އޭޖީ ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށެވެ. އަދި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި މިރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި، ޖަސްޓިސް އެންޑް ލީގަލް ސެކްޓަރ ރިފޯމްއާ ގުޅޭ އިންޓަރވެންޝަނެއް ވެސް އޭޖީ ވަނީ ހުށަހަޅުއްވާފަ އެވެ.
އެގޮތުން، އެ އިންޓަރވެންޝަންގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަޞައްވުރުކުރަނީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާނެ މިނިވަން ޖުޑިޝަރީއެއްކަމުގައި ވީނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ، ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތްކޮށްފައި ނުވާކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
އަދި ޖުޑިޝަރީ ރިފޯމްކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމާއި، 2019 ވަނަ އަހަރު ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވަނީ މައިގަނޑު 3 (ތިނެއް) ދާއިރާއަށްކަމާއި، އެއީ، ކޯޓުތަކުގެ އޮނިގަނޑާއި އިޙްތިޞާޞް ރިފޯމްކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމާއި، އަދި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ ފަރާތްތަކުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ މައްޗައްކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ޔޫޕީއާރު އަކީ، އދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ޔޫޕީއާރުގެ ތިންވަނަ ސައިކަލްގައި ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!