ސްރީލަންކާގެ ނޭވީ އަދި އެ ޤައުމުގެ ރަށްފުށު ހިސާބުގެ ގިނަ ބަޔަކު ނުކުމެ އެ ހިސާބުގެ ގޮނޑުދޮށަށް ލައްގަމުންދިޔަ 100 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ.

ކޯވިޑް-19ގެ ބޮޑު ބިޔަ ރާޅެއް އެ ޤައުމަށް ކުރިމަތިވެ، އެ ޤައުމު ފުރަބަންދުކޮށްފައި ވަނިކޮށް އެ ޤައުމުގެ މި ހިސާބުގެ ރައްޔިތުންވަނީ ފުރަބަންދުގެ އެންގުމަށް ނުބަލައި ނުކުމެ މި ބޮޑު މަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ.

Ad
rt

ވެރިރަށް ކޮލަންބޯގެ ދެކުނުގައި އޮންނަ ޕާނަދުރައިގެ ގޮނޑުދޮށަށް ލައްގަމުންދިޔަ ގިނަ ޢަދަދެއްގެ ބޮޑު މަސްތައް ކޮއްޕަމުން މޫދާއި ހަމައަށް ގެންދިޔުމަށް ގިނަބަޔަކު ވަނީ އެހީތެރިވެދީފައެވެ.

ނޭވީގެ ބޭފުޅެއް ކަމަށްވާ އިންޑިކާ ޑީ ސިލްވާ ރޮއިޓަރސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި އެ މީހުން ވަނީ މި ބޮޑުމަސްތައް ކޮއްޕަމުން ކަހަލަ ގޮތަކަށް މޫދަށް ދޫކޮށްލާފައެވެ. މަސްވެރިޔާ އުޕުލް ރަންޖީތުވެސް ވަނީ ކަޅު ކުލައިގެ އެއްޗެހި ތަކެއް ރޭގެ ވަގުތެއްގައި އެ ރަށުގެ ގޮނޑުދޮށުން ފެނިފައިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ސައިންސްވެރިން ބުނެފައިވަނީ، މި ގޮތަށް ބޮޑު މަސް މަގު އޮޅިގެން ގިނަ ޤައުމުތަކެއްގެ ގޮނޑު ދޮށަށް ލައްގާ ކަމަށެވެ. އަދި މިކަން މި ގޮތަށް ދިމާވާން ޖެހޭ އަސްލު ސަބަބު ސައިންސްވެރިންނަށްވެސް ވަނީ އަދި ކަށަވަރުނުވެއެވެ.

ސެޕްޓެމްބަރ މަހުގެ ތެރޭގައި އެތައް ސަތޭކަ ބޮޑު މަސް އޮސްޓްރޭލިއާގެ އައްސޭރިއަކަށް ލައްގާވަނީ މަރުވެސްވެފައެވެ. މިއީ މިގޮތަށް ބޮޑު މަސް ލައްގައިގެން އެންމެ ގިނަ މަސްތަކެއް މަރުވި ފަހަރެވެ.