މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 1 މިިލިޔަން މީހުން ވޯޓު ލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފަހަރުގެ މި އިންތިޚާބުގައި އެމެރިކާއިން 160 މިލިޔަން މީހުން ވޯޓު ލާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕޮލިޓިކަލް ސައިންގެ ޕްރޮފެސަރ މައިކަލް ޕީ މެކްޑޮނާލްޑް ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ފަހަރެވެ.
އެމެރިކާގެ ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ބުނާ ގޮތުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ 255 މިލިޔަން މީހުން އެ ޤައުމުގައި މި ވަގުތު އެބަތިއްބެވެ.
މި ފަހަރުގެ އިންތިޚާބުގައި ކުރިއަށްވުރެ ގިނަ ބަޔަކު ވޯޓު ލާފައިވާ ކަން ހާމަވާ އެންމެ ބޮޑު އެއް ހެއްކަކީ، އެމެރިކާގެ ތިން ސްޓޭޓްއެއް ކަމަށްވާ ހަވާއީ، ޓެކްސަސް، އަދި މޮންޓާނާގައި މިހާރުވެސް 2016 ވަނަ އަހަރު ވޯޓު ލީ މީހުންނަށްވުރެ ގިނަ ޢަދަދެއްގެ ބަޔަކު ވޯޓު ލާފައިވުމެވެ. ނޯތް ކެރޮލައިނާ، ޖޯޖިއާ، ނިޔު މެކްސިކޯ، ނެވާޑާ އަދި ޓެނެސީގެ ހިސާބުތަކުން 2016 ވަނަ އަހަރު ވޯޓު ލީ މީހުންގެ ޢަދަދާއި 90% ގާތް ޢަދަދެއް އާރލީ ވޯޓިންގްގައިވަނީ ބައިވެރިވެފައެވެ. އަދި 2016 ވަނަ އަހަރުގެ ޢަދަދު ފަހަނައަޅައި ދާނެ ކަމަށްވެސް މިހާރު ވަނީ ބެލެވިފައެވެ.
މެކް ޑޮނާލްޑް އިތުރަށް ވިދާޅުވި ގޮތުގައި މެއިލް ގެ ގޮތުގައި ލިބިފައިވާ 31 މިލިޔަން ވޯޓު ކަރުދާސްވެސް އަދި އެންޓަރ ކޮށްފައި ނުވާ ކަމަށެވެ. އަދި މީގެ ކުރިން މެއިލްގެ ޒަރީޢާއިން މިހާ ގިނަ ވޯޓު ކަރުދާސްތައް ގުނަން އިލެކްޝަން އޮފިޝަލުންނަށް ދުވަހަކުވެސް ޖެހިފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަމުންދާ ދެ ކެނޑިޑޭޓުން ކަމަށްވާ ޖޯ ބައިޑެން އަދި ޑޮނާލްޑް ޓްރަމްޕްގެ އަޒުމަކަށް އަދި ބަދަލެއް ނާދެއެވެ. ދެ ބޭފުޅުންވެސް ތިބީ ހޮވޭނެ ކަމުގެ އުންމީދުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!