ނޮވެމްބަރު 3، 1988 ގައި ޢަބްދުﷲ ލުޠުފީ ރާއްޖޭގައި އޭރު އޮތް ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބަޔަކު ގޮވައިގެން ދިޔައީ ކީއްކުރަންހެއްޔެވެ؟
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ އަހަރެންގެ ރަނގަޅު ރަޙުމަތްތެރިއެއް"
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަށް 23 އަހަރު ފުރުނު އިރު މީޑިޔާ އަކަށް އޭނާ ދިން ފުރަތަމަ އިންޓަވިއު، ސްރީލަންކާގެ ދަ އައިލެންޑް ނޫހަށް (31 އޮކްޓޯބަރު 2011) ގައި ދީފައިވާ އެކްސްކްލޫސިވް އިންޓަރވިއުގައި ބުނެފައިވެއެވެ.
މި އިންޓަރވިއުއަކީ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށްފަހު އޭނާދިން ފުރަތަމަ އިންޓަރވިއުއެވެ.
" އަހަރެން ބޭނުންވީ ކޮންމެ އަގެއް ދީގެން ވެސް މައުމޫންގެ ކިބައިން ސަލާމަތްވާން. އަހަރެންގެ ޤައުމުގައި އިންތިހާބުތަކުގައި އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނެތް. އެހެންވެ އަހަންނަށް ފެނުނީ މައުމޫން ބޭރުކުރަން ބޭރުގެ ބާރެއްގެ ބޭނުން ހިފުން ނޫން ގޮތެއް ނެތޭ. އެގޮތުން އަހަންނާ ގާތްގުޅުމެއް އޮތް ޖަމާޢަތެއް ކަމަށްވާ ޕްލޯޓް (ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް) ޖަމާއަތުގެ ލީޑަރު އުމާ މެހޭޝްވަރަމް އާ މަޝްވަރާކޮށްގެން 80 މީހުންގެ ވަރުގަދަ ލަޝްކަރަކުން ރާއްޖެ ހިފުމަށް ތައްޔާރުވީ. އަދި 1987 ވަނަ އަހަރާ ހަމައަށް އަހަރެމެން ސައްލާކުރިން ކަނޑުމަގުން ކުއްލި ޙަމަލާއެއް ދިނުމަށްވެސް. އެ ވާހަކަތައް ހުއްޓާލީ "އިންޑޯ ލަންކާ ޕީސް އެކޯޑް"ގެ ދަށުން އިންޑިޔާގެ ސުލްހަ ބަލަހައްޓާ ފައުޖުތަށް ލަންކާގެ އުތުރާއި ދެކުނުގައި ގާއިމްވުމުން"
މީގެ 32 އަހަރުކުރިން ދިވެހިރާއްޖެއަށް ކުލީ ސިފައިން ގޮވައިގެން އެރި ލުޠުފީ ބުންޏެވެ.
ލުތުފީ ބުނިގޮތުގައި ޕްލޯޓް ޖަމާޢަތް މަސައްކަތް ކުރަމުންދިޔައީ ސްރީލަންކާ އާއި އިންޑިއާ އާ ދެޤައުމުގެ އެއްބަސްވުމާ އެއްގޮތަށް އެފަރާތްތަކަށް އިންޑޯ-ލަންކާ އެކޯޑާ އެއްގޮތަށެވެ.
"ޕްލޯޓް ޖަމާޢަތަކުން ވާހަކަ ދައްކާފައެއްނެތް ރާއްޖެ ހިފާކަށް އަދި ރާއްޖޭގެ ބައެއް ކޮންޓްރޯލް ކުރާކަށް. އަދި މައުމޫނާއި އޭނާގެ ބައިވެރިން ތުހުމަތުކުރާގޮތަށް ރާއްޖޭގައި ބޭހެއް ހަދާކަށްވެސް. އަހަރެމެން ވިސްނާފައިއޮތީ އިންގިލާބެއް ގެނެސް މައުމޫން ބޭރުކޮށް އިންތިޚާބު ބޭއްވުމަށް"
ބަޣާވާތް ކުރުމުގެ ކުށް ސާބިތުވެފައިވާ ލުތުފީ ބުންޏެވެ.
ލުޠުފީއާއި ދިވެހިންގެ ތެރެއިން ބަޔަކު ބާރުގަދަ ހަނގުރާމަވެރި ޕްލޯޓް ޖަމާޢަތާ ގުޅުނީ އޮކްޓޯބަރު 29، 1988 ދުވަހުގެރޭ މުއްލިކުލަމުގެ ގޮޑުދޮށުންނެވެ. އެބައިމީހުން އެރޭ 8.30 ގައި 40 ފޫޓުގެ ދުރުހިސާބުތަކުން މަސްވެރިކަންކުރާ ދެ މަސްބޯޓުގައި ހުޅަނގު އުތުރަށް ނައްޓާލިއެވެ. ލުޠުފީއަށް ދިވެހިންގެ ތެރެއިން މަދަދުވެރިވި މީހުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބަޔަކު ހިމެނެއެވެ.
އޭގެތެރޭގައި ދިވެހި ސިފައިންގެ ކުރީގެ މޭޖަރެއްކަމަށްވާ ޢައްބާސް އިބްރާހީމް (ކަރޯ ޢައްބާސް)، ކުރީގެ ސިފައިންގެ ކޯޕްރަލެއް ކަމަށްވާ ޢަބްދުﷲ ޝާހިދު އަދި ޢުމަރު ޖަމާލު ހިމެނެއެވެ. ދެ އުޅަނދަށް މާލެ އާދެވުނީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ 4.30 ހާއިރުއެވެ. ހަމަލާ ބަދަލުކުރަން ނުޖެހި ރައްކާތެރިކަމާއެކު މާލެއާ ކައިރިކޮށް ދެބޯޓުން ދިޔަ މީހުން މާލެއަށް ފައިބާ، ގްރޫޕްތަކަށް ބެހިލައި އެބަޔަކަށް ކަނޑައެޅިފައިވާ ޚާއްޞަ އަމާޒުތަކަށް ދިޔައެވެ. އޭގެތެރޭގައި ސިފައިންގެ ހެޑްކުއާޓަރާއި ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރާއި، ޑިފެންސް މިނިސްޓަރުގެ ނާއިބު ދިރިއުޅުއްވާ ގެކޮޅު (ކިނބިގަސްދޮށުގެ) ހިމެނެއެވެ.
ލުޠުފީ ބުނިގޮތުގައި ލޭ އޮހޮރުވުމެއްނެތި ބަޣާވާތް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. އެހެންނަމަވެސް އެކަން އެހެން ނުދިޔައީ ޕްލޯޓް ޖަމާޢަތުގެ މީހުން އަވަސް އަރުވާލައިގެން ހެދި ގޯސްތަކަކުން ފުރަތަމަ ސިފައިންގެ ގޭޓަށް ހަމަލާ ދިނުމުންނެވެ.
"ސިފައިންގެ އެތެރެއަށް ވަނުމަށްޓަކައި ޕްލޭން ކޮށްފައިއޮތީ އެންމެ ދަށްކޮށް ސިފައިން ގާޑުކުރަމުންދާ ފުލުސް އޮފީހަށް ވަންނަ ދޮރުން. އެކަމަކު އެ ހިސާބަށް ދިއުމުގެ ކުރިން ޕްލޯޓް މީހުން އަވަސް އަރުވާލައިގެން ސިފައިންގެ މައިގޭޓާ ދިމާލަށް ބަޑިޖަހަން ފެށީ. ޙަމަލާ ކާމިޔާބުނުވީ އެޅުނު އެންމެ ޅަ އެއްޗަކުން. އެހެންވެ ރައްދުގައި ސިފައިން ހަމަލާދޭންފެށާ ހަނގުރާމަ ފެށުނީ. އެ ހަމަލާތަކުގައި އަހަރެމެންގެ ގްރޫޕްގެ ލީޑަރ (ވަސަންތީ) އާއި އިސްކޮށްތިބި ބައެއް މީހުން މަރުވެއްޖެ. އަހަރެން އެއްވެސް މީހަކު މަރާކަށް ބޭނުމެއްނޫން. އަހަރެން ޤަބޫލުކުރީ މައުމޫނަށް ވަފާތެރި މީހުން ވަރަށް އަވަހަކަށް އަމާން ދޭނެކަމަށް. ޕްލޯޓުގެ ހަނގުރާމަ ވެރިންނާ ހަނގުރާމަކުރާހާ ޤާބިލުކަމެއް ސިފައިންގެއަކު ނެތް. އެހެނެއްނޫން ކަން ހިނގީ. އެހެންވެ އަހަރެމެންނަށް ޖެހުނީ ދޫކޮށްލަން." ލުތުފީ ބުންޏެވެ.
ލުޠުފީ ބުނީ ރާއްޖެ ދިއުމުން މަދަދުވެރިވާނެ ކަމަށް ބުނި އެއްވެސް މީހަކު އެ ދުވަހު އެހީތެރިނުވި ކަމަށެވެ.
"އެމީހުން އަހަރެމެންނަކަށް ވާގިވެރިއެއް ނުވި. އަހެރެމެންނަށް އެއްބައިވާނެ ބަޔަކު ނުވީމާ މައުމޫނަށް އޭގެޒާތުގައި ބާރު ލިބިގެން ދިޔައީ. އެކަމަކު އަހަރެމެންގެ އަސްކަރީ ރޭވުންތައް ކާމިޔާބު ކުރެވުނުނަމަ މައުމޫނަކަށް ރިޔާސީ ގަޑުވަރުން ސަލާމަތްވެގެންގޮސް އެހާ އަވަށް ކޮލަމްބޯގައި ހުންނަ ދިވެހި އެމްބެސަޑަރ، އަޙްމަދު ޢަބްދުﷲ އަށާއި ސިންގްޕޫރުގައި ހުންނަ އެޑްވައިޒަރ ކޮލި ޢަލި މަނިކަށް އެ މަޢުލޫމާތެއް ނުދެއްވުނީސް. މައުމޫނަށް އެހީވުމަށް ސްރީލަންކާގެ ރައީސް ޖޭއާރު ޖަޔަވަރުދަނާ ފައުޖަކާއި، އިންޑިއާގެ ފައުޖެއް އަންނަ ޚަބަރު ލިބުމުން ރާއްޖޭން ފުރައިގެން އިންޑިއާ އާއި ސްރީލަންކާގެ ސަރަހައްދުތަކަށް ގޮސް ފިލުމަށް ނިންމީ."
ބާޣީ ލީޑަރު ބުނީ އިންޑިއާގެ އެހީ މައުމޫނަށް ދޭން އުޅޭކަން އެނގުމުން ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދިއުމަށް މަސައްކަތް ފެށިކަމަށެވެ.
"އެކަމަކު އަހަރެމެން ކުރިން ނެތް ނިންމާފައެއް މާލެއިން ފުރައިގެން ފިލައިގެން ދާނެ ގޮތެއް. އަހަރެމެން ދަތުރުކުރި ބޯޓުތައް ދޫކޮށްލީ އަހަރެމެންގެ ބާރުގެ ދަށަށް ރާއްޖެ ގެނެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތީމަ. އެއީ ހުރިހާވެސް އޮޅުންބޮޅުމަކީ. ހަނގުރާމައިގައި މަރުވެފައިވާ ޕްލޯޓުގެ 2 މީހުން އޮތް. ގިނަ ބަޔަކު ވަޒަންއަރާ ޒަޚަމުވި. އަހަރެމެންނަށް އިތުރު ގޮތެއްނެތް. އިންޑިއާ ސިފައިން އަންނަންދެން ތިބެއްޖެއްޔާ. އެހެންވެ ރާއްޖޭގެ ކާގޯ ބޯޓެއް ކަމަށްވާ "އެމްވީ ޕުރޮގްރެސް ލައިޓް" އަތުލައިގަތީ. އަހަރެމެން ފިލަން މަސައްކަތްކުރީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު 11.00 ގައި. އަހަރެމެން ޕްލޯޓުގެ މަރުވެފައިވާ ދެމީހެއްގެ ހަށިގަނޑު ގެންދިޔައިން. ޕްލޯޓް ގެ ތިން މީހުން ރަބަރު ޑިންގީ އެއް އަތުލައިގަނެގެންވެސް ފިލަން މަސައްކަތްކުރި."
ފިލައިގެންދާއިރު ގެންދިއުމަށްޓަކައި ރާއްޖޭގެ ވަޒީރެއްކަމަށްވާ އަޙްމަދު މުޖްތަބާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ދިވެހިންގެ ތެރެއިން ބަޔަކު ރަހީނުކުރިއެވެ. ޕްރޮގްރެސްލައިޓް ދުއްވުމަށް ކޮމާންޑް އޮތީ ޖާވާ އާ ދިމާލަށް ދުއްވުމަށެވެ. ހަނގުރާމަވެރިން ލަފާކޮށްފައިއޮތީ ނޮވެމްބަރު 4 ވަނަ ދުވަހު 10.00 ގައި އިންޑިއާ ނޫނީ ސްރީލަންކާގެ ސަރަޙައްދަށް ވަދެވޭނެ ކަމަށެވެ.
"އަހަރެމެން ޤަބޫލުކުރީ ރަހީނުން ޚާއްޞަކޮށް ވަޒީރަކާއި އޭނާގެ އަނބިކަނބަލުން އޭގެތެރޭގައި ހިމެނުމުން އަހަރެމެންނަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބުނީކަމަށް. އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ދިޔައީ އަހަރެމެންނަށް ފާރަލަމުން. އެހެނަސް އަހަރެން މަސައްކަތްކުރީ އަހަރެމެންގެ އަމާޒަށް ވާސިލުވުމަށް. އެދުވަހު ހަވީރު 4.30 ގައި އަހަރެމެންގެ ރާޑަރަށް ދޭއްޗެއް ފެންނަން ފަށައިފި. އަހަރެމެންނަށް އެގިއްޖެ އަހަރެމެންނާ ދިމާލަށް އަންނަ އިންޑިއާގެ ނޭވީންކަން. އޭގެ ތެރެއިން އައިއެންއެސް ގޯދާވަރީން އަހަރެމެންގެ ބޯޓަށް ހަމަލާދީފި. މާބޮޑު ގެއްލުމެއް އެ ހަމަލާއަކުން ނުލިބޭ. އަހަރެމެން ދިޔައީ މަޑުނުކޮށް ކުރިއަށް. އޭރު ބޯޓުގެ ރޭޑިއޯ ސެޓުން ވަގުތުން އަމާންދިނުމަށް ނުވަތަ މިސްރާބު ބަދަލުކުރުމަށް ގޮވަމުންދިޔަ. ދިވެހި ސިފައިންގެ ފަސް މެންބަރުން އޭގެތެރޭގައި މޭޖަރ އާދަމް ޒާހިރުވެސް ހިމެނޭގޮތުން އިންޑިއާ ޝިޕްގައި ތިބި."
ލުޠުފީ ބުނާގޮތުގައި އިންޑިއާ މަނަވަރުން ބުނަމުންދިޔައީ ޕްރޮގްރެސްލައިޓްގެ މިސްރާބު އިންޑިއާ އަށް ނުވަތަ ދިވެހިރާއްޖޭގެ ބަނދަރަކަށް ބަދަލުކުރުމަށެވެ.
"އަހަރެމެން އެކަމަކާ އަޅައެއް ނުލަން. އަހަރެމެންގެ އެދުމަކީ ކަނޑުމަތީގައި ކަނޑުމަތީގައި ވާހަކަ ނުދައްކައި އަހަރެމެން ދާ ހިސާބަކަށް ގޮސްފައި ވާހަކަ ދެއްކުން. އަހަރެމެން ބޯޓަށް އިންޑިއާ ސިފައިން ހަމަލާދޭން ފަށައިފި އޭގައި ދިވެހިން ތިބެގެން. ޕްލޯޓްގެ ކޮމާންޑަރާ ހުރީ ގުޅިފަ. ޢަމަލުކުރަންވީގޮތް ސްރީލަންކާގައި ހުންނަ ހެޑްކުއާޓަރުން ދަނީ ދެމުން. އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ރަހީނުންގެ ތެރެއިން މީހަކު މަރާލާފައި ކަނޑަށް އެއްލީ. މިނިސްޓަރު ލައްވައި އެވާހަކަ ގޮއްވުމަށްފަހު ރަހީނަކު ގޮވައިގެން ޑެކް މައްޗަށް ނެރެ ބަޑިޖަގާ މަރާލީ. އެމީހާ މަރާލާފައި އެއްލުމުން އިންޑިއާއިން މަޑުޖައްސާލި. ރަހީނުން އަމިއްލަ އެދިގެން ބޯޓުގެ މެއިން ޑެކް މައްޗަށް ނިކުތީ އިންޑިއާ މީހުން އަހަރެމެންނާ ހަމަލާ ނުދިނުމަށްޓަކައި. އެކަމަކު ދިވެހިން އިންޑިއާ މަނަވަރުގައި ތިބެގެން ބޯޓަށް ހަމަލާދިނީ އެ އެންމެން މަރަންވެގެން."
"ނޮވެމްބަރު 6 ވަނަ ދުވަހު ތިން ގަޑިއިރުގެ މުހުލަތެއް ދިނީ އަމާން ދިނުމަށް ނުވަތަ ކޮންމެ ގޮތަކުންވެސް މައްސަލަ ނިންމުމަށް. އަހަރެމެން ނިންމީ މަޑު ނުކުރުމަށް. އޭރުވަނީ ސްރީލަންކާގެ ކަނޑުގެ ސަރަޙައްދަށް ވަދެވިފަ. 30 ނޯޓިކަލް މޭލް އެތެރެއަށް ވަދެފައިވާ ކަމަށް އަހަރެމެންގެ ޕޮސިޝަން ދައްކަނީ. އެވަގުތު ބޮޑު ބަޑިތަކުން އިންޑިއާއިން ހަމަލާދޭން ފެށީ. މިނިސްޓަރާއި އެހެން މީހުންނަށްވެސް ހަމަލާތަކުން ގެއްލުން ލިބުނު. ހަމަލާދެނީ އަހަރެމެންގެ ބަޑިތަކުގެ ރޭންޖް ފޯރާ ފަށުގައި އޮވެގެން ކަމަށް ނުވާތީ ރައްދުގައި ހަމަލާއެއް ނުދެން. އަހަރެން އިންޖީނު ނިވާލަން އެންގި ބޯޓުގެ ފިލިޕީސް އިންޖިނިއަރ ފެނުނީ ހަމަލާއެއް އަރާ މަރުވެފައި އޮއްވާ. އަހަރެމެން އަމާން ދިދަ ނެގުމުން ވަގުތުން އެންގީ ކަނޑަށް ފުންމާލުމަށް. ކަނޑަށް ފުންމާލުމުން އިންޑިއާ މީހުން ނެގީ."
ނޯޓް: މިއީ 2 ނޮވެމްބަރު 2011 ގައި ދަ އައިލެންޑް ނޫހުގައި ޝަމިންދުރާ ފެނާންޑޯ ޝާއިޢުކުރި ޢަބްދުﷲ ލުޠުފީގެ އިންޓަރވިއު ހިމެނޭ އާޓިކަލްގައިހުރި 1988 ނޮވެމްބަރު 3 ވަނަ ދުވަހާ ގުޅޭ ބައިތަކުގެ ޚުލާސާ ތަރުޖަމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!