އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްކަމަށްވާ "އެމްފައިސާ" މެދުވެރިކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ ވާރުޕޭ އިން އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެވެ.

Ad
rt

އުރީދޫއިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކައި، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ. އަދި އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ވެސް އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް، 'ވާރު ޕޭ'ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

ވާރު ޕޭގައި އެމްފައިސާ އޮޕްޝަން މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތް:

'ވާރު ޕޭ' އެޕްލިކޭޝަނުން ފައިސާ ދައްކަން ބޭނުންވާ ފީ ހިޔާރުކޮށް،

މައުލޫމާތު ފުރިހަމަކުރުމަށް ފަހު،

ފައިސާ ދައްކާ އޮޕްޝަންތަކުން އެމްފައިސާ އޮޕްޝަން ހިޔާރު ކުރާނީ

އެމްފައިސާ ނަންބަރު ޖެހުމަށްފަހު ޕޭ ހިޔާރުކުރުމުން ފޯނަށް ލިބޭ އޯޓީޕީ ނަންބަރު އެންޓާ ކުރުމުން ފައިސާ ދެއްކޭނެ

އުރީދޫ އެމްފައިސާއަކީ ފައިސާ ޖަމާ ކުރުމަށާއި ފައިސާ ނެގުމަށާއި ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރި ކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު އަދި ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.

މީރާގެ ހިދުމަތްތަކުގެ އިތުރުން ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، މީޑިއާނެޓް އަދި އުރީދޫގެ ހިދުމަތްތައް ހިމެނޭ ގޮތަށް ތަފާތު އެކި ހިދުމަތްތަކުގެ ބިލްތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އަދި މި އެޕް މެދުވެރިކޮށް ބަރަކާތްތެރި ރަމަޟާން މަހު ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

އެމްފައިސާ ހިދުމަތަށް އުރީދޫ އެޕްލިކޭޝަނުން ރަޖިސްޓްރީ ކުރެވޭއިރު މި ހިދުމަތަށް ރަޖިސްޓްރީ ކުރާނެ ގޮތް އުރީދޫ ވެބްސައިޓުން ބަލައިލެވޭނެ އެވެ.