ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ނިންމައި، ރިޒޯޓެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް އެ މިނިސްޓްރީން ނިންމާފައި ވާކަމަށެވެ.
މިގޮތުން އެ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް ކަމުގައި އެ މިނިސްޓްރީއިން ބުނެފައި ވަނީ އެ ރިސޯޓަކީ މަދުވެގެން 50 (ފަންސާސް) ކޮޓަރީގެ ރިޒޯޓަކަށްވާން ޖެހޭނެ ކަމަށެވެ.
އަދި އެރިޒޯޓަކީ މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވުން ވެސް ފެސިލިޓީ ހޯދުމުގެ ޝަރުޠެއް ކަމުގައި ބުނެފައި ވެއެވެ.
އިތުރު ޝަރުޠުތައް
- 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ދިނުން.
- ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން.
- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުން.
އެހެން ކަމުން އެކަމަށް ކުރުމަތިލާން އެދޭ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފުރުޞަތު ހުޅުވާލާ ފައެވެ.
އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން މިރިޒޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމި އިރު އެޗްޕީއޭއިން ރޭ އާންމު ކުރެއްވި މަޢުލޫމާތަށް ބަލާއިރު، މިވަގުތު 27 ރިސޯޓެއްގައި 35 ޓޫރިސްޓުންނާއި 81 މުވައްޒަފެއް ކޯވިޑް ޕޮޒިޓިވް އެކްޓިވް ކޭސް ގޮތުގައި އެބަތިއްބެވެ.
މީގެއިތުރުން ކަނޑިންމަ މޯލްޑިވްސް މޮނިޓަރިންގައި އޮތްއިރު، އެ ރިޒޯޓުން ހާލުބޮޑުވެގެން އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައި އެވެ.
އެއާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހުގެ ރޭ 9:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން މިއަދު ބުނެފައި ވަނީ އެކަމާ ގުޅިގެން އެރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!