ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަޝްރޫޢު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެކު ކަމަށެވެ.

Ad
rt

މިގޮތުން ދުވާފަރުގެ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ ފަރާތުން ލިބޭ އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 12 ޖޫން 2019 ގައި އެވެ.

އެމްޓީސީން އަންނަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި އެކުންފުނިން ދަނީ މާލީ ފުރިހަމަ ނަތީޖާއެއް ވެސް ހާސިލް ކުރަމުންނެވެ. މި ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައި އެވެ.

އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.