ނުބީހެންޏާ ކަނޑާ ހަމަނޫން ކަމަށާއި، ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިހާރު މިއޮތް ކޯވިޑް-19 ގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް އިޝާރާތް ކުރަށްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ މިކަމުގައި "ނުބީހެންޏާ ކަނޑާ ހަމައެއްނޫން" ކަމަށެވެ.

Ad
rt

މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން ކަމަށެވެ.

"ދަތި އުނދަގޫތަކާއި އެކުވެސް ފުރިހަމައަށް ޒިންމާ އަދާކުރައްވާ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް"

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މި މޭރުމުން ވިދާޅުވިއިރު އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ވަނީ ފުރަތަމަ ފަހަރަށް ރިސޯޓަކުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައި އެވެ.

ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ އެ މީހާ އަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާއަކީ އެރިސޯޓުގެ މުވައްޒަފެކެވެ.

އެ މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން އިއްޔެގެ ވަގުތެއްގައިކަމަށް އެ ދ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހު ރޭ 9:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރެއްވި މަޢުލޫމާތަށް ބަލާއިރު، މިވަގުތު 27 ރިސޯޓެއްގައި 35 ޓޫރިސްޓުންނާއި 81 މުވައްޒަފެއް ކޯވިޑް ޕޮޒިޓިވް އެކްޓިވް ކޭސް ގޮތުގައި އެބަތިއްބެވެ. އަދި ކަނޑިންމަ މޯލްޑިވްސް އޮތީ މޮނިޓަރިންގައި އެވެ.