ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތުރުކީ ވިލާތުގެ އިޒްމީރް ޕްރޮވިންސަށެވެ. މި ބިންހެލުމާއިއެކު ކުޑަ ސުނާމީއެއް ވެސް އުފެދުނެވެ.

Ad
rt

ތުރުކީ ވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލާދީ އެ ޤައުމުގެ ''ޑެއިލީ ސަބާހް'' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިކްޓަ މިންގަނޑުން 6.6 ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 4 މީހުން މަރުވެ، 202 މީހުން ޒަޚަމްވެ އަދި 12 އިމާރާތެއް ވަނީ ބިމާއި ހަމަވެފައި އެވެ.

އެ ބިންހެލުމުގައި ވެއްޓުނު އިމާރާތް ތަކުގެ ތެރެއިން 4 އިމާރާތެއްގެ ދަށުން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، 70 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައި އެވެ.

މި ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި އިޒްމީރުގެ މަގުތަކުގައި ފެންބޮޑުވެފައިވެ އެވެ. ބިންހެލުމާއި ގުޅިގެން އެ ސަހަރުގެ ގިނަ ޢަދަދެއްގެ މީހުން މަގުތަކުގެ މަތީގައި ތިބިތަން ދައުރުވަމުންދާ ފޮޓޯ ތަކުން ފެނެއެވެ.