ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށާއި އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެމުން ބުނެފައި ވެއެވެ.
ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަރނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މަޢުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

މި ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. ބެލޫން ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަޙައްދަށް ގޮސް، އެ ބެލޫން ވަނީ ހޯދާފައެވެ. އަދި، ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ވަނީ ހަވާލުކޮށްފައެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައިވެއެވެ.
ގޫގަލް "ލޫން ޕްރޮޖެކްޓް" އަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓް އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!