ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަށްވަމުން ގެންދަވާ އެއާޕޯޓަށް ބޭނުންވާނޭ ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާނެއް ފެނަކައިން ޤާއިމުކޮށް، އެ ނިޒާމްގެ ބޭނުން ކުރަން ފަށައިފިއެވެ.

ފެނަކައިން މިއަދު ބުނީ ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާނެއް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި މި ނިޒާމު މެދުވެރިކޮށް ހޯރަފުށީ އެއާޕޯޓަށް މިއަދު ކަރަންޓް ފޯރުކޮށްދޭން މިއަދު ފެށިފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައި އެވެ.

Ad
rt

މި ނިޒާމުގެ ޚިދުމަތް މިއަދު ފަށްޓަވައި ދެއްވީ، ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދު މިހާރު ހޯރަފުށްޓަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެ ޚިދުމަތް ފަށްޓަވައި ދެއްވުމަށް މިއަދު ހޯރަފުށީ އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްވެސް ބައިވެރިވެ ވަޑައިގަތެވެ.

ސަރުކާރުން ހޯރަފުށީގައި ތަރައްޤީ ކުރަށްވަމުން ގެންދަވާ އެއާޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރަށް ވަމުން ގެންދަވާ އެމްޓީސީސީން ދަނީ 24 ގަޑި އިރު އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން ނެވެ. އަދި އެކުންފުނިން ވަނީ އެ މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެމްބަރު 8 ގައި ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި އެވެ.

ހޯރަފުށީ އެއާރޕޯޓްގެ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ގާތްގަނޑަކަށް ނިމުމަކަށް ގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ.

އެ އެއާޕޯޓު އަންނަ ނޮވެމްބަރު 11 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.