ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އެރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ތިން މީހަކު ރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 ދިވެހިން ފިރިހެނުން ރޭ ވަނީ ހައްޔަރުކޮށްފަ. އޭގެ ތެރޭގައި ހިމެނެނީ 25އަހަރުގެ 2 މީހުންނާއި 22އަހަރުގެ މީހެއް. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން
— Maldives Police (@PoliceMv) October 27, 2020
އާދީއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.އަދި އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތަށް ބަލައި ފުލުހުން ބުނެފައި ވެއެވެ.
އެ ދޯންޏަށް އެރި މީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އަދި އެ ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ދޯނީގެ ވެރިފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯންޏަކީ ލ. ގަމަށް ނިސްބަތްވާ އެމީހާ ޖާބިރަށް ވިއްކާފައިވާ ދޯންޏެކެވެ. މި މައްސަލައިގައި ތިރީހަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދަށްކާތީ ކަމަށް ބުނެއެވެ.
އެމައްސަލައާއި ގުޅިގެން ޖާބިރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، އެ ދޯންޏަކީ ޖާބިރު ބައްލަވައިގަނެ، ބަރާބަރަށް ފައިސާ ނުދައްކާ އޮތް ދޯންޏެއްކަން ސާބިތު ކޮށްދިނުމަށް އެދޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!