ކުޑަކުއްޖާކާއި ބެހުނު މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

މިއަދު ކުރި މި ޙުކުމް އިއްވާފައިވަނީ، ދ. ކުޑަހުވަދޫ ފައިވްސްޓާ، އިބްރާހިމް ޝުޖާޢުގެ މައްޗަށެވެ. އޭނާއަކީ ޖިންސީ އަނިޔާ ލިބުނު 15 ކުއްޖާގެ ދޮންބައްޕަ އެވެ.

Ad
rt

މި މައްސަލަ މީގެ ކުރިންވަނީ ކުޑަހުވަދޫ ކޯޓުގައި ބަލާފައެވެ. އަދި އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، ދަޢުވާ ލިބޭ ފަރާތާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީ، ޝުޖާޢުގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމަށެވެ.

ނަމަވެސް، ދަޢުލަތުގެ ފަރާތުން ވަނީ މި މައްސަލަ އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ ހުކުމް މިއަދު ވަނީ ހައިކޯޓުން ކޮށްފައެވެ.

ހައިކޯޓުގެ މިއަދުގެ ހުކުމްގައި ކުޑަހުވަދޫ ކޯޓުގެ ފަރާތުން ޝުޖާޢުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމަކީ ރަނގަޅު ހުކުމްއެއްގެ ނޫން ކަމުގައި ނިންމައި، އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް ވަނީ ނިންމާފައެވެ. އަދި ޝުޖާޢުގެ މައްޗަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވަލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ހުކުމްކޮށްފައެވެ.

މި ހާދިސާގައި ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ކުޑަކުއްޖާ އާއި މެދު އޭނާގެ ދޮން ބައްޕަ ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެ، އެވާހަކަ ކިޔައިދިން ގޮތުގެމައްޗަށާއި، ކުއްޖާގެ މަންމަގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެ ކުއްޖާވާހަކަ ކިޔައިދީ، އެ ހާދިސާ ތަފާތު މާހައުލުތަކުގައި ސިފަކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، ކުއްޖާގެ ވާހަކަތަކުގައި، އެ ވާހަކަތަކާ މެދު އެކަށީގެންވާ ޝައްކެތް އުފެދޭފަދަ ފުށުއެރުންތަކެއް ނެތްކަންފާހަގަކުރެވޭ ކަމަށެވެ.