ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އަރައިފިއެވެ.

އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

Ad
rt

އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތަށް ބަލައި ފުލުހުން ބުނެފައި ވެއެވެ.

އެ ދޯންޏަށް އެރި މީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ. އަދި މި މައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދޯނީގެ ވެރިފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯންޏަކީ ލ. ގަމަށް ނިސްބަތްވާ އެމީހާ ޖާބިރަށް ވިއްކާފައިވާ ދޯންޏެކެވެ. މި މައްސަލައިގައި ތިރީހަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދަށްކާތީ ކަމަށް ބުނެއެވެ.

އެމައްސަލައާއި ގުޅިގެން ޖާބިރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، އެ ދޯންޏަކީ ޖާބިރު ބައްލަވައިގަނެ، ބަރާބަރަށް ފައިސާ ނުދައްކާ އޮތް ދޯންޏެއްކަން ސާބިތު ކޮށްދިނުމަށް އެދޭކަމަށެވެ. އަދި އެ ދޯނި ބައްލަވައިގަތީ ޖާބިރު ކަމަށް ވެރި ފަރާތުން ބުނާއިރު އެމީހާ އާއި އެކު އެއްބަސްވުން ހެދި ޖާބިރުގެ ކުންފުނީގެ ނަން ހާމަ ކުރަން ޖެހޭނެ ކަމަށް ޖާބިރުވަނީ ވިދާޅުވެފައި އެވެ.