ޤައުމުތަކުގެ ބަލި މަޑު ކަމުގެ ޙާލަތު ބަދަލުވަމުން އައިސް، ކިރިޔާވެސް ނޭވާ ލެވޭ ހިސާބަށް ދިޔުމުން މިވަނީ ބޯޑަރުތައް ހުޅުވާލާ، މެހެމާނުނަށް މަރުޙަބާ ކިޔަން ފަށާފައެވެ. ނަމަވެސް، މިއަދު ދަތުރު ފަތުރު ކުރާ ކޮންމެ މީހެއްގެ ހިތުގައި އޮންނާނެ ބިރުވެރިކަމަކީ، ކޯވިޑް-19 ގެ ބިރުވެރިކަމެވެ.

ބަލި ޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. މީގެ ތެރެއިންވެސް، "ބަންދު" ވެގެން ދަތުރު ކުރާ މަތިންތާބޯޓެއްގެ ތެރޭގައި އެތަކެއް ގަޑިއިރު ހޭދަ ކުރުމަކީ ކޮންމެ މީހެއްގެވެސް މިވަގުތު ނަފްސާނީ ގޮތުން ގޮންޖަހާލާނެ ކަމެކެވެ. ޚާއްސަކޮށް، ނުދަންނަ އެތަކެއް ބަޔަކާއި އެކު ދަތުރު ކުރަން ވުމުން، ބޭ އިޚްތިޔާރުގައި ކެއްސާލާ އަވައްޓެރިޔާއަށްވެސް ބަލާލެވޭނީ ބިރުވެރި ނަޒަރަކުންނެވެ.

Ad
rt

މަތިންދާ ބޯޓުތަކުގައި ހަރުކޮށްފައިވާ ވައި ސާފު ކުރާ ފިލްޓަރު ތަކުގެ ސަަބަބުން އޮޅުން ފިލާ އެއް ކަމަކީ، ވައިގެ މަގުން ކުރާ ދަތުރު ތަކުގައި، ބޯޓުގެ އެތެރޭގެ ވައިގެ ނިޒާމު ވަރަށްވެސް ރަނގަޅުވެ ސާފު ވާނެ ކަމެވެ. ދުނިޔޭގެ ބޯޓު އުފައްދާ އެެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެއަރބަސްއިން ވަނީ މިކަން ދަތުރުވެރިންނަށް ކަށަވަރުކޮށްދީފައެވެ. އެ ކުންފުނިން ކޮށްފައިވާ ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުގައި، ކްރޫއިން އަދި ފަސިންޖަރުން މާސްކު އަޅައިގެން، އަދި މި ފިލްޓަރު ތަކުގެ އެހީގައި ވައިގައި އެނބުރޭ ވައިރަސްއެއްގެ ސަބަބުން ބައްޔެއް ޖެހުމަކީ ނާދިރު ކަމެކެވެ.

މަތިންދާބޯޓުގައި ގައިދުރުކަން

އެއަރބަސް ކުންފުނިން ކޮށްފައިވާ ފަހުގެ ދިރާސާއެއްގައި، "3ޑީ ކޮމްޕިޔުޓަރ ސިމިއުލޭޝަން" އަކުން ވަނީ މަތިންދާ ބޯޓެއްގެ އެތެރޭގައި ފަސިންޖަރަކު ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ކުޅު އަދި ވައިގައި ހިފާ ޖަރާސީމުތައް ދަތުރުކުރާގޮތް ވަރަށް ރަނގަޅަށް ބަލާފައެވެ. ކޮމްޕިޔުޓޭޝަނަލް ފްލުއިޑް ޑައިނަމިކްސްގެ އެހީގައި ބޯޓުގެ އެތެރޭގެ 50 މިލިޔަން ޕޮއިންޓް ނެގުމަށްފަހު ކޮންމެ ޕޮއިންޓަކަށް މި ޖަރާސީމު ފޯރަނީ ކިހިނެތްތޯ، ކިހާ މިންވަރަކަށްތޯ މި ކުންފުނިންވަނީ ބަލާފައެވެ. މި ބެލި ބެލުމުގައި، ޖަރާސީމު ދަތުރުކުރާ ސްޕީޑާއި، މި ޕޮއިންޓުތަކުގެ ފިނިހޫނު މިނަށް ދަންދެންވަނީ ދިރާސާކޮށްފައެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ދައްކަނީ، މި ޖަރާސީމު ބޭރު ކުރާ ފަސިންޖަރުން ފެށިގެން ބޯޓުގައި ތިބޭ އެހެނިހެން ފަސިންޖަރުން ލާ ނޭވާ އާއި ހަމައަށް ޖަރާސީމު ދަތުރުކުރަނީ ވަރަށް މަދު މިންވަރަކަށެވެ. އަދި މިއީ، ޢާންމު ބަންދުވެފައިވާ ޙާލަތެއްގައި އެކަކު އަނެކަކަށް ބަލިމަޑުކަން ޖެހޭ މިންވަރަށްވުރެ މަދު މިންވަރެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.

އަނެއް ޙަޤީޤަތަކީ، ގައިދުރުކަން ބެހެއްޓުމަށް ބޯޓުގައި ވަނީ ފެންނަ ހުރަސް ތަކުގެ އިތުރުން ނުފެންނަ އެތަކެއް ހުރަސް ތަކެއް އަޅާފައެވެ. މި ގޮތުން، ނުފެންނަ ހުރަސް ތަކުގެ ތެރޭގައި މި ދެންނެނި ވައި ސާފު ކުރާ ފިލްޓަރުތައް މެދު ނުކެނޑި ވައި ސާފު ކުރަމުން ދިޔުމާއި އެކު، ފަސިންޖަރުން ނޭވާ ލަމުންދާނީ މުޅިންވެސް ޖަރާސީމު ނެތް، ސާފު ވަޔެވެ. ހަމައެހެންމެ، އިށީދެގެން އިންނަ ސީޓު ކުރިމަތީގައި އިންނަ ސީޓާއި ދެމެދު ދެ ފަސިންޖަރުންނަށް ސީޓުގެ ހުރަހެއް އެކުލެވިގެންވާއިރު އެ ދޭތެރެ މެދުގައި 27 އިންޗި ހުރުމަކީ، ލާޒިމުކަކެމެވެ. މީގެ އިތުރުން އެކަކު އަނެކަކާއި ދޭތެރޭގައި ބޯޓުގެ ތެރޭގައި 1.8 މީޓަރުގެ ދުރުމިނެއް ހުންނައިރު މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އެންމެ ބޮޑަށް ބޭނުންކުރަމުންދާ އުސޫލުގައިވާ ދުރުމިނެވެ.

ބަލި ޖެހުމުގެ ފުރުޞަތު ކުޑަ

އެއަރބަސްގެ ފަރާތުން ބަލިމަޑުކަން އައުމުގެ ކުރިންވެސް ބޯޓުގެ އެތެރޭގައި ވައި ދަތުރުކުރާގޮތް އަންނަނީ ތަހުލީލު ކުރަމުންނެވެ. މިއީ، ފަސިންޖަރުންނަށް އެއްވަރަކަށް ފިނި ހޫނުމިން ބެހެއްޓުމަށް އެ ކުންފުނިން ކުރަމުން އަންނަ ދިރާސާ ތަކުގެ ތެރެއިންނެވެ. 2020 ވަނަ އަހަރުގެ އައު ޑޭޓާ ތަކަށް ބަލާއިރު، އޭރުވެސް އެނގިފައި އޮތް އެއްޗަކީ، ބޯޓުގެ އެތެރެއިން ވައިގެ ޒަރީޢާއިން ބައްޔެއް ޖެހުމުގެ ފުރުޞަތު ކުޑަކަމެވެ. މި ކުންފުނިން ވަނީ ތަހުލީލުތަކުގައި ގިނަ ސިމިޔުލޭޝަންތަކެއް ބޭނުންކޮށް، ބޯޓުގެ އެތެރޭގައި ވައި ދަތުރު ކުރާގޮތް "ތާރމޯޑައިނަމިކްސް" އަދި "އެރޯޑައިނަމިކްސް"ގެ އެހީގައި އެތަކެއް ފަހަރު ދިރާސާކޮށްފައެވެ. އަދި މި ދިރާސާގައި ވަޔަށް ގިނަ ބަދަލުތަކެއް ގެނެސްގެންވެސް ވަނީ އެތަކެއް ޑޭޓާ ތަކެއް ނަގާފައެވެ.

ވައިގެ ދަތުރުފަތުރު ރައްކާތެރިވަނީ ކީއްވެ؟

ދުނިޔޭގެ މަތިންދާބޯޓު އުފައްދާ ކުންފުނިތަކުން ފަސިންޖަރުންނަށް ބަލިމަޑުކަން ނުފެތުރޭނެހެން ބޯޓު އުފެއްދުމަށް އިސްކަންދޭތާ އެތަކެއް އަހަރުވެއްޖެއެވެ. ބޯޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އިތުރުން، ކްރޫއިންނަށް ސާފުވައި ފޯރުކޮށްދިނުމަކީ، މި ކުންފުނިތަކުން އެންމެ އިސްކަމެއްދޭ އެއްކަމެކެވެ.

މި އައު ދިރާސާތަކާއި ތަހުލީލުތަކުން އެނގި ސާފުވަނީ ބޯޓުގެ ކެބިން ވެންޓިލޭޝަން ސިސްޓަމް އަދި ވައި ސާފު ކުރުން އެއީ ހުއްޓާނުލާ ކުރިއަށްދާ ކާމިޔާބު މަސައްކަތެއްކަމެވެ. އަދި ކޯވިޑް-19 ފަދަ ވައިގައި ދަތުރު ކުރާ ބައްޔެއް ބޯޓުގެ ތެރެއިން ވައިގެ ޒަރީޢާއިން ޖެހުން އެއީ ވަރަށްވެސް ނާދިރުކަމެކެވެ.

ކުރުކޮށް ދަންނަވާނަމަ، ބޯޓަކީ ރައްކާތެރި ތަނެކެވެ. ވައިގެ ދަތުރުކުރުމަކީ އެންމެ ރައްކާތެރި އެއް ނިޒާމެވެ. އަދި ގައިދުރުކަން އިސްކޮށް މާސްކު އަޅައިފިނަމަ، ބަލި ޖެހުމުގެ ފުރުޞަތު ބޮޑުތަނުން ދަށްވެއެވެ.