ރައީސް މައުމޫން ވަރަށް ގާތުން ދަންނަން ކަމަށާއި، އެމަނިކުފާނު ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރުގެ އަތްޕުޅުން ވައްކަމެއް ނުކުރަށްވާނެ ކަމަށް މެންބަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަހީމް މިހެން ވިދާޅުވީ 27 އޮކްޓޫބަރު 2020 ވަނަ ދުވަހު ކުރިއަށް ދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި މެންބަރު ޖާބިރު ކުރިއަށް ގެންދެވި ބަހުސްގެ ތެރެއިން ރައީސް މައުމޫނާއި ގުޅުވައިގެން ދެއްކެވި ވާކަހައިގެ ތެރެއިން ނިޒާމީ މައްސަލައެއް ނަންގަވައި ދެއްކެވި ވާހަކާގައި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ''އިފްލާސްވުމާއި އިފްލާސްކުރުމުގެ'' ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ރައީސް މައުމޫނު އިފްލާސްކުރަންޖެހޭނެ ކަމަށާއި، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤާނޫނުއަސާސީއާ ޚިލާފަށް މި ޤައުމު ހިންގާތީ އިފްލާސްކުރަންޖެހިއްޖެއްޔާ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.
''އަޅުގަނޑު ދާނީ ސުޕްރީމް ކޯޓަށޭ. ބުރާސްފަތި ދުވަހުން މި ދަނީއޭ. ދިޔައިމަނޫންހޭ ސުޕްރީމް ކޯޓުން ގޮތެއް ނިންމާނީ. އަޅުގަނޑު ނުދަންނަވަމޭ ރައީސުލްޖުމްހޫރިއްޔާ، އައުޓޭ. އަޅުގަނޑު މިކިޔަނީ ރައީސުލްޖުމްހޫރިއްޔާ ލާފައި ތިބޭ މީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިބެގެންނުވާނޭ. އިފްލާސްކުރާށޭ. މައުމޫނު ވިދާޅުވަނީ، ތިމަންނަ ދަރަންޏަކަށް ޒިންމާއެއް ނުވާނަމޭ. އަހާނ! ދެން ކިހިނެއް ހަދަނީ؟ މައުމޫނު އަތުގައި ހުރި ގެދޮރާއި، ދަރިންނާއި، މި ހުރިހާ އެއްޗެއްސަކީ މައުމޫނު ޒިންމާ އުފުލަންވާ އެއްޗެއްސެއް ނޫންތޯ؟''
ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެ މޭރުމުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވާހަކަފުޅުދައްކަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 61 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިޚްތިރާމާއި އެކު ދަންނަވާ ކަމަށެވެ.
''ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމަށް ދަރައި އޮތް ކަމަށާއި، ވައްކަންކުރި ކަމަށް ވިދާޅުވަމުން އެ ގެންދަވަނީ، ހަމަ ސީދާ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ޚިލާފަށް، މި އިއްޒަތްތެރި މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގެންނެވޭ، މި އިއްޒަތްތެރި މަޖިލީހަށް ހާޒިރުވެ މިތާނގައި ނެތް ބޭފުޅަކަށް އެފަދަ ބަހުރުވައިން ވާހަކަ މިތާނގައި ނުދެއްކޭނެ. އަޅުގަނޑު ކުރީގެ ރައީސް، ރައީސް މައުމޫނު ދަންނަން. ވަރަށް ގާތުން ދަންނަން. އެބޭފުޅާ ޖާބިރު އަތްޕުޅަކުން ލާރިއެއް ނުނަންގަވާނެ. ވައްކަމެއް ނުކުރޭ އެ ބޭފުޅާއެއް ޖާބިރު އަތްޕުޅަކުންނެއް. އެހެންވީމާ، އެގޮތަށް ރައީސް މައުމޫނަށް މުހާތަބުކޮށް މިތާނގައި ވާހަކަނުދެއްކެވޭނެ އިއްޒަތްތެރި ރައީސް. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް.''
މެންބަރު ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ އެ ނިޒާމީ މައްސަލައާއި ގުޅިގެން ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ޝަހީމް ފާހަގަކުރެއްވި ނުކުތާއަށް ވިސްނަވައިލެއްވުން ރަނގަޅުކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރަށް ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ހާޒިރުވެ ނެތް ބޭފުޅެއް އަދި ދިފާޢު އަމިއްލައަށް ވެވަޑައިގެންނެވެން ނެތް ބޭފުޅަކާ ގުޅޭ ގޮތުން ބަލައިލުން އެއީ ބުއްދިވެރިކަމަކަށް ވެދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!