ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއިން 1 މިލިޔަން މީހުން މަރުވެފައިވާ އިރު، ދުނިޔޭގެ ޤައުމުތަކުގެ މާލީ ޙާލަތަށް ނަޒަރު ހިންގާލުމަކީ ކޮންމެހެންވެސް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް އެއް ޙާލެއް ޖެހިފައިވާއިރު، މި ބަލިމަޑުކަމުން ފައިދާއެއް ނަގައި މުއްސަނދިވީ ދެ ޤައުމެއްގެ ގޮތުގައި ބެލެވިފައިވަނީ ސަރަހައްދީ ދެ ބާރު ކަމަށްވާ އިންޑިޔާ އަދި ޗައިނާއެވެ.

މިއީ ކްރެޑިޓް ސުއިސް ގްރޫޕް އޭޖީ 2020 ގެ ގްލޯބަލް ވެލްތް ރިޕޯޓުން އިއްޔެ ފެންނަން އޮތް އެއް ހަޤީޤަތެވެ.

Ad
rt

"ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު، ދުނިޔޭގެ ގިނަ ގޭބީސީ ތަކުގެ ޢާންމު މުއްސަނދި ކަމުގެ ޙާލަތު ހީކުރެވުނު ވަރަށްވުރެ ރަނގަޅުވުން އެއީ ވަރަށް ރަނގަޅު ފާލެއް"

މަޝްހޫރު އިކޮނޮމިސްޓް އެންތޮނީ ޝޮރޮކްސް ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު އަނބުރާ ކޮޅަށް ޖެހޭނެކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. ހަމައެކަނި ދުނިޔޭގެ ކަންކޮޅުތަކަށް ބަލާއިރު އެންމެ ދަތިވާނެ ކަމަށް ބެލެވެނީ އުތުރު އެމެރިކާގެ ޤައުމުތަކަށެވެ. މި ގޮތުން، އެ ހިސާބުގަނޑުގައި މީހެއްގެ ބޮލަށް ޖެހޭ އާމްދަނީ ވަނީ 5% ދަށްވެފައެވެ. އަދި މި ގޮތަށް އަންނަ އަހަރުވެސް އޮންނާނެ ކަމަށްވަނީ ލަފާކުރެވިފައެވެ.

ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ނަޒަރު ހިންގާލާއިރު، ގޭބިސީ ތަކުގެ މުއްސަނދިކަން އިތުރުވެފައިވާ ދެ ޤައުމަކީ ޗައިނާ އަދި އިންޑިޔާއެވެ. މިގޮތުން ޗައިނާގައި 4.4% ގެ ކުރިއެރުމެއް ހޯދާފައިވާ އިރު، އިންޑިޔާއިން ވަނީ 1.6%ގެ ކުރިއެރުމެއް ހޯދާފައެވެ. ދެކުނު ލެޓިން އެމެރިކާއަށް މި އަހަރުގެ ތެރޭގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވާއިރު، އެ ސަރަހައްދުން ވަނީ 13% ގެ ވެއްޓުމެއް ފެނިފައެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ސްވިޓްޒަރލޭންޑް، ނެދަރލޭންޑް، ޓައިޕެއި، ހޮންގްކޮންގް އިތުރަށް މުއްސަނދި ކަމަށް ދައްކާއިރު، އިނގިރޭސިވިލާތް އަދި ނޯވޭ އަށް ވަނީ މި ޢަދަދުތައް ދަށްވުމާއި ކުރިމަތިލާންޖެހިފައެވެ.

ދުނިޔޭގައި މިވަގުތު ތިބި ބޮޑެތި ބިލިއަނަރުންނަށް ބަލާއިރު، ޚާއްސަކޮށް އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި، އެމޭޒޮންގެ ވެރިޔާ ޖެފް ބޭޒޯސްއަށް މި އަހަރު ތެރޭގައި އެކަނިވެސް 73 ބިލިއަން ޑޮލަރުވަނީ ލިބިފައެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 188 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ފޭސްބުކްގެ ވެރިޔާ މާރކް ޒަކަރބާރގްގެ މިލްކިއްޔާތުގައި 105 ބިލިއަން ޑޮލަރު ހުރިއިރު، ފުރަބަންދުގައި އެންމެ ކަހަލަ ގޮތަކަށް ބޭނުން ކުރި ޒޫމްގެ ވެރިޔާ އެރިކް ޔުއާންގެ އަތުގައި މިވަގުތު 22 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ބްލޫމްބާރގް އިންޑެކްސްއިން ދައްކާގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ މިލްކިއްޔާތު އެއްކޮށްލައިގެން 970 ބިލިއަން ޑޮލަރަށް ޢަދަދުކުރެވޭނެއެވެ.

ކްރެޑިޓް ސުއިސްގެ ޗީފް އިންވެސްޓްމެންޓް އޮފިސަރ ނެނެޓް ހެޗްލަރ ވިދާޅުވާ ގޮތުގައި، ދުނިޔޭގެ މުއްސަނދިކަމަށް އަދިވެސް މި އަހަރުގެ ތެރޭގައި ހީ ނުކުރާ ފަދަ ބަދަލުތަކެއް އައުންވެސް އެކަށީގެންވެއެވެ. ނަމަވެސް، ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ބާރުތަކުގެ ތެރެއިން މި ވަގުތު އެންމެ ކުރީގައި އުޅެނީ ޗައިނާ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.