އެ ސޮރުގެ އެއްވެސް ކުށެއްނެތެވެ. އެކަމަކު ސަލާމަތެއް ނެތެވެ. ރައްކާތެރިކަމެއްނެތެވެ. ހާންތިވެފައިވާ ބޮޑެތި ފިޔަލަތައް އެ ސޮރުމެން ފަހަނީއެވެ. ފެހިކުލައިގެ އެ ބިޔަ ފިޔަލަތަކުގެ ލަދުގެ ކަންފުޅެއް ވެސް ނެތެވެ. ބަޑިއަޅައިފައި އައިސް ހިފަނީއެވެ. އަތުޖެހިއްޖެނަމަ އެއް ފަހަރުން ކާލަނީއެވެ. އެތައް ފުޅަންގެއް ކާ އިރު ވެސް ހިތެއް ނުފުރެއެވެ.
ފުޅަންގަކީ ބުރިކަށިމަތި ގަދަނޫ ކުލައެއްގައި، ދެއަރިމައްޗާއި ބަނޑުދޮށް، ރިހި ކުލައިގައި ހުންނަ މަހެކެވެ. މިއީ ދެކަން ފަތްގަނޑު ވަރަށް ދިގު މަހެކެވެ. ދެފިޔަފަތުގެ ގޮތުގައި ދެކަން ފަތް ގަނޑު ބޭނުން ކޮށްގެން މި މަސް އުދުހެއެވެ.
ސަލާމަތް ވުމަށް ޓަކައި ފުޅަންގަށް އޮތީ އުދުއްސައިގަތުމެވެ. ވައިގެ ތެރެއަށް ބޯ ހިއްލާލައި ނަގޫފަތުން ކަނޑުގައި ޖަހާލަމުން އުދުއްސައި ގަނޭ ވެސްމެއެވެ. ނަމަވެސް ވަރުބަލިވެގެން ވެއްޓޭތަނަށް ފިޔަލަ ދަނީ ފާރަލަމުންނެވެ. ބައެއް ފަހަރު ފެނުގައި ޖެހޭނުޖެހޭ ހިސާބުން ގޮސްގޮސް އޮއްވައި ފުންމައިގެން އަރާ ދިރުވާލައެވެ. ފުޅަނގީގެ މިނިވަންކަން ކޮބައި ހެއްޔެވެ؟ ޙައްޤުތައް ކޮބައި ހެއްޔެވެ؟ އެންމެ ކުޑަ މިނުން ދިރިހުރުމުގެ ޙައްޤު ވެސް ނެތީއެވެ.
ފުރާނަ ސަލާމަތް ކުރުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. މަސްމަހާމެހި ވެސް ބޭނުންވާނެއެވެ. އެންމެ ހިނދުކޮޅަކު ވެސް އިތުރަށް ދުނިޔޭގައި ހުންނަން މަސައްކަތް ކުރާނެއެވެ. އެންމެ ނޭވާއެއް ވެސް އިތުރަށް ލާން ބޭނުންވާނެއެވެ. ކަނޑުފައްތައި މަރާލަން ގެންދިޔަ މީހާ ވެސް ބުނިކަމަށް ވެއެވެ. އަދި ބޭރަށް ޖަހާލާށެވެ. ތަންކޮޅެއް ބޭރަށް ކަނޑު ފައްތާށެވެ. ބޭރަށް ދިއުމަށް ފަލިވަޅެއް ޖަހާ ކޮންމެ ހިނދެއްގައި އިތުރު ނޭވާއެއް ލެވޭނެ ކަމުގެ އުންމީދުގައެވެ.
ގަޔަށް ލެވުނުހާ ބާރެއް ލައިފައި ވީހާަ މައްޗަކުން އުދުހެން ފުޅަނގި މަސައްކަތްކުރަނީ އެހެންވެއެވެ. އެވަގުތު ވަނީ މަތިން ބަލަބަލާ އޮންނަ ހޯރައަށް ރަނުގެ ފުރުސަތަކަށެވެ. އައިސް ތުނބުން ހިފަނީ ފުޅަނގީގެ މެދުގައެވެ. އަނެއް ބައިފަހަރު ބޮލުގައެވެ. ހާދަ ހުޝިޔާރެވެ. ތުނބުން ހިފާލެއް ބާރުކަމުން ހުޅުނބުތައް ބުރައިގެން ދެއެވެ. ނޭވާ ހާސްވެއެވެ. އުދުހެމުން ދަމުން ތުނބަށް ހަދާލާ ގޮތަކުން ފަސޭހަ ކަމާއެކު ފުޅަނގި ދިރުވާލައެވެ. ހޯރަ ފުޅަނގީގައި ހިފުމުން ދެން ވާނެގޮތް އެ ސޮރަށް އެނގޭ ކަހަލައެވެ. ގަޔަށް ލެވުނުހާ ބާރެއް ލައިފައި ތެޅިގަންނަނީ އެހެންވެއެވެ. ބައެއް ފަހަރު ތެޅިގަނެވޭ ގޮތަކުން ތުނބުން ވީއްލިގަނެގެން ކަނޑަށް ވެއްޓިގަނެވެއެވެ. އާހު! އެއީ އަދި މާ ނުރައްކާތެރި ވަގުތެކެވެ. ބުރާންތިވެފައި ދުއްވައިގަންނަން ނޭނގިފައި އޮއްވާ ފިޔަލައަށް ފެނުނީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ރަހުމުގެ ލޮލަކުން ބަލާނެ ހެއްޔެވެ. އޯގާތެރި އަތަކުން ފިރުމާނެ ހެއްޔެވެ. ހަމްދަރުދީގެ އިހުސާސް ހިނގާނެ ހެއްޔެވެ.
ފުޅަންގަށް ހަމަ ރައްކާތެރި އެއްވެސް ގޮތެއް ނެތެވެ. އަޑިން ފިޔަލައެވެ. މަތިން ހޯރައެވެ. ގޮތް ހުސްވެގެން ބައެއް ފަހަރު އުދުހިފައި އެއްގަމަށް ވެސް އަރައެވެ. އެއީ އިންސާނުން ނަށް ވެސް މަސްރަހަ ގަދަ މީރު މަހެކެވެ.
އާއެކެވެ. އެ ސޮރުގެ އެއްވެސް ކުށެއްނެތެވެ. ކަނޑުގެ މަތީ ފަށަލައިން ކުދިކުދި ފަނިފަކުސަ ކައިގެން އެ ސޮރުމެން ބޮޑެތިވެއެވެ. އެހެން އެއްވެސް މަހަކަށް ލިބިފައިނުވާ އުދުހުމުގެ ނިޢުމަތް އެ ސޮރުމެންނަށް ލިބިފައިވެއެވެ. ދޯންޏެއްގެ ހިލަމެއް ވެލިޔަސް ފަރި ގޮތްގޮތަށް އުދުހިލައި އުޅެއެވެ. ބޮޑެތި ރާޅުތައް ގިނަވެ ކަނޑު ގަދަވިޔަސް ބައިބަޔަށް އުދުހިލައި މަޖާކޮށް އުޅެއެވެ. އެ އުފާވެރިކަމަށް ނިމުން އަންނަނީ ބުނެފައެއް ނޫނެވެ. ފަރުތޮޅިއާއި ފިޔަލައާއި ހިބަރުފަދަ ކަނޑުގައި ބާރު ހިންގާ ނުފޫޒުގަދަ ބާރުތަކުން ކަޅިއަޅަން ފަށައި ދުވަސް ވެގެންދަނީ އެ ސޮރުމެންނަށް ބިރުވެރި ދުވަހަށެވެ. އެތައް ބައެއްގެ ނިމުމަށެވެ. ހުރިހާ ޙައްޤުތަކަކުން މަހުރޫމުވާ ދުވަހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!