އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

Ad
rt

ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އެކު ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރއާއި އެކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެންދާނީ، ކޯވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، މި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގައި މައިކް ޕޮމްޕެއޯއާއި ބައްދަލު ކުރައްވާފައެވެ. މި ދެބޭފުޅުންގެ ބައްދަލުވުން އޭރު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ވޮޝިންގްޓަންގައެވެ.

އެމެރިކާގެ ސަރުކާރުގެ ފަރާތުން ކުރައްވާ މި ދަތުރުފުޅަކީ، 1992 ވަނަ އަހަރު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބެކަރ ކުރެއްވެވި ދަތުރުފުޅަށްފަހު އެ ޤައުމުގެ ސަރުކާރުން ރާއްޖެއަށް ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެވެ.