ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެގްރީމެންޓްއެއް ޤާއިމުކޮށްފިއެވެ.

އިންޑިޔާގައި ހުންނަ ޖަޕާނުގެ އެންބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއަރ ބަބްލް އެގްރީމެންޓްގެ ދަށުން އިންޑިޔާއިން ޖަޕާނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެންބަސީއިން އަންގާފައިވާ އެއަރލައިންތަކުން ޓިކެޓު ބައްލަވައިގަތުމަށް އެދޭ ކަމަށެވެ.

Ad
rt

ޓޯކިޔޯގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ، މި އެއަރ ބަބްލްއާއި އެކު، ޖަޕާނުން އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ އެންބަސީގައި މިހާރު ރެޖިސްޓަރ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ އެންބަސީއިން ވެސް ވަނީ ވަކި އެއަރލައިން ތަކަކުން ޓިކެޓް ބުކް ކުރުމަށް އަންގާފައެވެ.

މި އެއަރ ބަބްލްއާއި އެކު އިންޑިޔާގެ ޤައުމީ އެއަރލައިން ކަމަށްވާ، އެއަރ އިންޑިޔާއިން ވަނީ ޖަޕާނަށް ކުރާނެ ދަތުރުތަކުގެ ޝެޑިއުލެއް ނެރެފައެވެ. މި ގޮތުން މި ޝެޑިއުލްގައި 02 ނޮވެމްބަރ 2020 އިން ފެށިގެން 28 ޑިސެމްބަރ 2020 އަށް ދިއްލީ އިން ޓޯކިޔޯއަށް ކުރާނެ ދަތުރުތައް ވަނީ އިޢުލާންކޮށްފައެވެ. އަދި 04 ނޮވެމްބަރ 2020 އިން ފެށިގެން 30 ޑިސެމްބަރ 2020 އާއި ހަމައަށް ޓޯކިޔޯއިން ދިއްލީއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައްވެސް ވަނީ ހިމަނާފައެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އިން ވަނީ ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރި ކަމުގައިވީ ނަމަވެސް، ގިނަ ޤައުމުތަކަކާއި އެކު އެއަރ ބަބްލްއަކަށް ގޮސްފައެވެ. ކޯވިޑް-19 ގެ ސަބަބުން ގިނަ އިންޓަރނޭޝަނަލް ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، އިންޑިޔާ އަދި ރާއްޖެއާއި ދެމެދުވެސް ވަނީ ވޭތުވެދިޔަ މަސްތަކުގައި އެއަރ ބަބްލް އެގްރީމެންޓްއެއް ހަދާފައެވެ.