ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތ. ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

މިހާރު ޚިދުމަތް ދޭން ފަށާފައިވާ އެ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައި އެވެ.

Ad
rt

ބީއެމްއެލްއިން ބުނީ އެ ސެންޓަރގެ ސަބަބުން ތިމަރަފުށީގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށާއި، އަދި ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ސެލްފް ސާވިސް ބޭންކިން ސެންޓަރާއިއެކު ތިމަރަފުށްޓަށް އުފާވެރިކަން ލިބި، އެރަށުގެ ރައްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުންއައުމާއި ގުޅިގެން ތިމަރަފުށި ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟުވަނީ ބޭންކަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައި އެވެ.

''ތިމަރަފުށީ ރައްޔިތުންގެ ގިނަދުވަސްވީ އުއްމީދެއް ހަޤީގަތަކަށް ހައްދަވާ ދެއްވީތީވެ ބޭންކުގެ މެނޭޖްމަންޓަށާއި ސަރުކާރަށް އިޚުލާސްތެރި ޝުކުރު ދަންނަވަން.''

ޢަބުދުﷲ ރިޔާޟް ވިދާޅުވިއެވެ.

ތިމަރަފުށީގެ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތް ލިބޭނޭގޮތް ހަމަޖެއްސުމަށް، ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ޢަބުދުﷲ ރިޔާޟް ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ފަށްޓަވާފައި އެވެ. މިގޮތުން ރިޔާޟް ވަނީ ތިމަރަފުށީގައި ބޭންކެއް ނެތުމުން ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފާއި، ތުރާތަކަށް ލުއިކަން ހޯދައިދީ، އެ ރަށުން ބޭންކްގެ ޚިދުމަތް ލިބޭގޮތް ހައްދަވައި ދެއްވުން އެދި 10 ޖޫން 2019 ގައި ރައީސް ޞާލިހަށާއި، ބޭންކް އޮފް މޯލްޑިވްސްއަށް ވެސް ސިޓީ ފޮނުއްވާފައި އެވެ.

މީގެއިތުރުން ރިޔާޟް ވަނީ ރައީސް ޞާލިޙާއި ބައްދަލުކުރަށްވައި އެކަމަށް އެދިވަޑައިގެންފައި އެވެ. ރައީސް އޮފީހުން، ބީއެމްއެލްއާއި ހަވާލާދީ 3 ޖުލައި 2019 ވަނަ ދުވަހު ރިޔާޟަށް ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ތިމަރަފުށީގައި އީ-ބޭކިންގގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް ދަންނަވައި ސިޓީއެއް ފޮނުއްވާފައި އެވެ.

ތިމަރަފުށީގައި ބޭންކްގެ ޚިދުމަތް ދޭން ފެށުމާއިއެކު، މިއީ ތ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށި ތިން ވަނަ ރަށެވެ. ބީއެމްއެލްއިން އަންނަނީ ގުރައިދޫ އަދި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.