ނާސާގެ އާރޓެމިސް ޕްރޮގުރާމްގެ ދަށުން، ހަނދުގައި އެޅުމަށް ހަމަޖެހިފައިވާ 4ޖީ ނެޓްވޯރކްގެ މަސައްކަތް ފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޮކިއާ އާއި ހަވާލުކޮށްފިއެވެ.

އިންސާނުން އަނެއްކާވެސް ހަނދަށް ދިޔުމުގެ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ނާސާ އިން އެކުލަވާލަމުން އަންނަ ޕްލޭންގައި، ނޮކިއާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ނެޓްވޯރކްގެ ސަބަބުން، ނާސާގެ އުޅަނދުތައް ހައި ޑެފިނީޝަން ވީޑިޔޯގެ ޒަރީޢާއިން ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ad
rt

އާރޓެމިސް ޕްރޮގުރާމުގެ ދަށުން ނާސާ އިން އަންނަނީ ފުރަތަމަ ދެޖިންސުގެ އިންސާނުން ހަނދަށް 2024 ވަނަ އަހަރު ފޮނުވޭތޯ މަސައްކަތް ކުރަމުންނެވެ.

ސްޕޭސް އެކްސް އަދި ބްލޫ އޮރިޖިން އިން އަންނަނީ، ހަނދަށް ޖައްސާނެ ދެ އުޅަނދެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއީ، ދުނިޔޭގެ އޯރބިޓުން، ހަނދަށް އެސްޓްރޮނޯޓުން ގެންދިޔުމަށް ބޭނުން ކުރާނެ އުޅަނދުވެސްމެއެވެ.

ޖައްވީ އުޅަނދު ހަދާ އަމިއްލަ ދެ ކުންފުނީގެ ވެރިން ކަމަށްވާ އީލޯން މަސްކް އަދި ޖެފް ބީޒޯސް އަދި ތިންވަނަ ކުންފުންޏެއް ކަމަށްވާ ޑައިނެޓިކްސްއިން ހަނދަށް ދިޔުމަށް ބޭނުން ކުރާނެ އުޅަނދެއް ދަނީ ތައްޔާރު ކުރަމުންނެވެ. ނަމަވެސް، މި ތަނުން ހަނދަށް ދިޔުމަށް ނާސާ އިން ބޭނުން ކުރާނީ އެންމެ ފުރިހަމަ އަށް ހަދާ އެއް އުޅަނދެވެ.

ނާސާ އިން ލޫނާ ގޭޓްވޭގެ ނަމުގައި ހަނދުގެ ވަށައިގެން އޮންނަ އޯރބިޓުން ހަނދަށް ގެންދިޔުމަށް ބޭނުންވާ ތަކެތި ގެންދިޔުމުގެ މަސައްކަތް މި އަހަރުގެ ފަހު ކޮޅުގައި ކުރިއަށް ދާނެއެވެ.

އަދި ނޮކިއާއިން ހާމަ ކުރާ ގޮތުގައި، މި ހުރިހާ ކަމަކަށް އެސްޓްރޮނޯޓުން ބޭނުންވާ މުއާސަލާތީ ޚިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ވޮއިސް ކޯލު އަދި ވީޑިޔޯ ޒަރީޢާއިން މުއާސަލާތުކުރުން ހިމެނެއެވެ.

އެ ކުންފުނީގެ ޗީފް ޓެލެކޮމިޔުނިކޭޝަންސް އޮފިސަރ މާރކަސް ވެލްޑޮން ވިދާޅުވާ ގޮތުގައި، އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ މަސައްކަތަކީ ހަނދުގައި ޤާއިމު ކުރާ ފުރަތަމަ ޓެލެކޮމިޔުނިކޭޝަން ސެންޓަރު ހެދުމުގެ މަސައްކަތެވެ.

ނޮކިއާގެ ލޫނާ ނެޓްވޯރކް މަސައްކަތް ކުރާ ގޮތް ދުނިޔޭގައި ނެޓްވޯރކުތައް މަސައްކަތް ކުރާ ގޮތާއި ތަފާތުވާނެއެވެ. އެއީ، ހަނދަށް ޖައްސާ އުޅަނދު ޖެއްސުމުގައި ދިމާވެދާނެ ކަމަކުންނާއި، ހަނދުގެ ފިނި ހޫނުމިނަށް ބެލުމާއި، ޖައްވުގެ ފިނި ހޫނުމިނަށްވެސް ބަލަންޖެހޭނެތީއެވެ.

މި ނޫން ކަންކަމުގައި، ހަނދުގައި ޤާއިމްވެގެންދާނީ ހަމަ އާދައިގެ 4ޖީ ނެޓްވޯރކެކެވެ. އެންޓެނާ އަދި ރޭޑިޔޯ، ބޭސް ސްޓޭޝަންތައްވެސް މި ނެޓްވޯރކުގައި ހިމެނިގެންދާނެއެވެ.