ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައި، ދެއްކެވި ވާހަކަ ފުޅުގައި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަލުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރަށްވާފައި އެވެ.
އެބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ނައިބު ރައީސް ވަނީ ދެއްވާފައި އެވެ.
އެ ބައްދަލުވުމުގައި ބަންގްލަދޭޝް ގެ ސަފީރު ދެއްކެވި ވާހަކާގައި ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ޙާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި، އެ ދެބޭފުޅުން ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި، މަތީ ތަޢުލީމާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!