ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ ދުނިޔޭގެ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހދ. ހަނިމާދޫގައި އެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން ވަނީ ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން އެ ޕްރޮގްރާމްގައި ބައިވެރިވެ ރުއް އިންދާފައި އެވެ.
މިގޮތުން އިންދުނު ކޮންމެ ރުކެއްވެސް އެ ރުއް އިންދި މުއައްސަސާއަކުން އިންދި ރުކެއްގެ ގޮތުގައި ރެކޯޑު ބެލެހެއްޓެމުން ދާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން 30 ރުކެއް އިންދާފައި އެވެ. އަދި އިތުރު ރުއްތައް އިންދުމުގެ މަސައްކަތް ކުރިއަށް ރާވާފައިވާއިރު، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ވަނީ އެ ދުވަހަށް 130 ރުއް އިންދުމަށްޓަކައި ތައްޔާރު ކޮށްފައި އެވެ.
ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއްސަސާތަކުން ވަނީ ބައިވެރިވެ ރުއް އިންދާފައި، ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މ ޕްރޮގްރާމަކީ މިހާރު ރާއްޖޭގައި ހުރި ގިނަ ރުއްތަކަކީ ގާތް ގަނޑަކަށް 40 އަހަރު ވެފައިވާ ރުއްތަކަކަށް ވާތީ ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީއިން ފެއްޓެވި ޕްރޮގްރާމެކެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމް" ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މިއަދު ވަނީ ފަށާފައި. #farmersday2020 #WorldFoodDay2020 pic.twitter.com/0EKwHcfwLb
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) October 15, 2020
މިގޮތުން ރުއް އިންދުމަށްޓަކައި ރާއްޖޭގެ އެކި ރަށްތަކުން ރަނގަޅު މުޑުވަށް ހޯދައި، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މި ޕްރޮގްރާމަށް ބޭނުންވާ ރުކުގެ މުޑުވަން އާލާ ކުރަން ވަނީ ނިންމާފައި އެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް 3 އަހަރެއްހާ ދުވަސްތެރޭ މި ރުއްތައް އެކި ރަށްތަކުގެ އިންދައި، ރުކުގެ އައުޖީލެއް އުފެއްދުމަށް އެ މިނިސްޓްރީއިން ވަނީ ނިންމާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!