ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން ޢަދަދު 36 އަށް އަރައިފިއެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެތަނުގައި ތިބި ކުދިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި ޖުމްލަ ޢަދަދު 36 އަށް އަރާފައިވާ ކަމަށެވެ.

Ad
rt

އޭގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި މަސައްކަތްކުރާ 18 މުވައްޒަފަކާއި، 18 ކުދިން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 72 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި 19 މުވައްޒަފަކާއި، 53 ކުއްޖަކު ހިމެނޭކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ފިޔަވަތީގައި ކުދިން ބަލަހައްޓާ މީހެއްގެ ކިބައިން ބަލީގެ އަލާމަތްތަކެއް ފެނިގެން ސާމްޕަލްނަގައި ޓެސްޓު ކުރި އިރު އެމީހާ މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައިވާކަމަށް އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އެރޭ އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ އެމީހާ ޕޮޒިޓިވް ވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ދަށުން 54 ކޮންޓެކްޓުން ދެނެގަނެވުނު ކަމަށާއި 19 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން އެހާތަނަށް އަށް ކުދިންނާއި ފަސް މުވައްޒަފުންގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް އެރޭ ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކުރިންވެސް ފިޔަވަތިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، މިދިޔަ ޖުލައި މަހު، ފިޔަވަތީގެ މުވައްޒަފެއް ޕޮސިޓިވްވުމުން، 11 މުވައްޒިފުން އަދި 21 ކުއްޖަކު ކަރަންޓީނު ކުރި އެވެ. އެހެންނަމަވެސް އިތުރު ކޭހެއް ފެނުނު ކަމަށް އޮކްޓޯބަރު 7 ވަނަ ދުވަހާއި ހަމައަށް ރިޕޯޓްކޮށްފައިއެއް ނުވެއެވެ.