އަނެއްކާވެސް ސްޕެއިންގައި ކޯވިޑް-19ގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެ، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.
ސްޕެއިންގެ ސަރުކާރުން މިހާރުވަނީ، މެޑްރިޑް ސަރަހައްދުގައި، ކޯވިޑް-19ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާންކޮށް، ތަންފީޒުކުރަން ފަށައިފައެވެ.
ސްޕެއިންގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤާނޫނުގެ ދަށުން، މި ކަން އިޢުލާން ކުރުމާއިއެކު، ސަރުކާރަށް އެ ސަރަޙައްދެއްގައި ކަންކަން ކުރުމުގައި އިތުރު ބާރުތަކެއް ލިބިގެންދެއެވެ. އަދި ސަރުކާރުން އެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް ބާރު ލިބިގެންދެއެވެ.
ބުރާސްފަތި ދުވަހު މެޑްރިޑްގެ ކޯޓަކުން ވަނީ، ސަރުކާރުން ނެރެފައިވާ ޕަބްލިކް ހެލްތުގެ އުސޫލުތަށް އަލުން މުރާޖާކުރުމަށް އުވާލާފައެވެ. އަދި ސަބަބެއް ކަމުގައި އެ ކޯޓުން ބުނެފައިވަނީ ވަކިވަކި ފަރުދުންގެ ޙައްޤުތަކަށް މި އުސޫލުތަކުގެ ދަށުން އަރައިގަނެވޭ ޙާލަތްތަކެއް ހުރުމެވެ.
އެއްވެސް ޒަރޫރީ ބޭނުމަކާއި ނުލައި މިހާރު މެޑްރިޑް ސަރަހައްދަށް ވަނުމާއި ނުކުތުން މަނާކޮށްފައިވާއިރު، ބާތަކާއި ރެސްޓޯރެންޓް ތަކަށް ވަދެވޭނީ ތަނުގެ ބޮޑު ކުޑަ މިނަށް ބެލުމަށްފަހު 50 އިންސައްތަ މީހުންނަށެވެ. އަދި މި ތަންތަން ރޭގަނޑު 11 ޖަހާއިރު ބަންދު ކުރަން ޖެހޭނެ ކަމަށްވެސް ވަނީ މިހާރު އަންގާފައެވެ.
މީހުން ވަދެވޭ ވަރު އަޅުކަންކުރާ ތަންތަނާއި، ޖިމްތަކާއި، ޝޮޕިންގް މޯލު ތަކުގައި މަދުކޮށްފައިވާއިރު ސްކޫލުތައް ހިންގުމަކަށް އަދި އެެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ.
ހޮނިހިރު ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ އިރު، އިންޓީރިއަރ މިނިސްޓަރު ފެނާންޑޯ ގްރާންޑޭ މާލަސްކާ ވިދާޅުވި ގޮތުގައި،7000 ޕޮލިސް އޮފިސަރުން އެ ސިޓީގައި ޕެޓްރޯލު ކުރަމުން ދާނެއެވެ. އަދި އެއްވެސް ރައްޔިތަކު، ބޭކާރު ގޮތުގައި ބޭރުގައި އުޅޭތޯ ބަލަމުން ދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްޕެއިންއަކީ މިހާތަނަށް 890,367 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 32,929 މީހުން އެބަލިން ފަސޭހަ ވެފައިވާ ޤައުމެކެވެ. ސްޕެއިނުގައި ކޯވިޑް ފެތުރެން ފެށިކަން ރަސްމީކޮށް ރެކޯޑް ކުރެވިފައި ވަނީ މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!