ރޭ އިންގްލަންޑް އަދި ވޭލްސް ބައްދަލުކުރި އެކުވެރިކަމުގެ މެޗް ފަސޭހަކަމާއިއެކު 3-0 ނަތީޖާއަކުން އިންގްލަންޑް ވަނީ ކާމިޔާބުކޮށްފައެވެ. އިންގްލަންޑްގެ މަޝްހޫރޫ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ފުރަތަމަ ގޯލް މެޗްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުން އެވަޓަންގެ ސްޓްރައިކަރ ޑޮމިނިކް ކަލްވާރޓް ލެވިންއެވެ. މިމެޗަކީ އިންގްލަނޑްގެ ޤައުމީ ޖާޒީގައި ކަލްވާރޓް ލެވިން ކުޅުނު ފުރަތަމަމެޗެވެ. އަދި މިސީޒަންގައި ކަލްވާރޓް ލެވިން ކާމިޔާބުކުރި ދިހަ ވަނަ ގޯލެވެ.
މެޗްގެ ދެވަނަގޯލް މެޗްގެ 53ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވޯލްވްސް ގެ ޑިފެންޑަރ ކޯޑީއެވެ. ކޯޑިގެ ގޯލަކީ ވޭލްސްގެ ކުޅުންތެރިއަކު އިންގަލަންޑްގެ ޖެކް ގްރީލިޝްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއްގައި ކޯޑީ ކާމިޔާބުކުރި ގޯލެކެވެ. މެޗްގެ ފަހުގޯލް އޭގެ ދިހަ މިނިޓް ފަހުން ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ. މިމެޗަކީ އިންގްލަންޑްގެ ޓީމުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އިންގްސް ކުޅުނު ފުރަތަމަ މެޗެވެ.
ވޭލްސްއިން ރޭގެ މެޗާއި ކުރިމަތިލީ މުހިންމު ދެކުކުޅުންތެރިން ކަމުގައިވާ ގެރެތް ބޭލް އަދި އާރޮން ރަމްސޭ ނުލައެވެ. ބޭލްއަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު ރަމްސޭއަށް ބައިވެރި ނުވެވުނީ ރަމްސޭ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސްގެ ދެ އޮފިޝަލަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކަހެރިވާން ޖެހުމުންނެވެ. ނަމަވެސް ކުރިއަށް އޮތް މެޗަގައި ރަމްސޭއަށް ކުޅެވޭނެއެވެ. ހަމައެހެންމެ އިންގްލަންޑްއިން މެޗާއި ކުރިމަތިލީ ޖޯޑަން ސަންޗޯ، ބެން ޗިލްވިލް އަދި ޓެމީ އަބްރަހަމް ކޮވިޑް-19ގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން އެކުޅުންތެރިން ޓީމްއިން ބާކީކުރުމަށްފަހުއެވެ.
ރޭގެ މޮޅާއިއެކު 1914ގެ ފަހުން ފުރަތަމަފަހަރަށް އިންގްލެޑްއިން ވަނީ ޖެހިޖެހިގެން ހަފަހަރު ވޭލްސް ބަލިކޮށްފައެވެ. އަދި ކަލްވާރޓް ލެވިން ގެ އިތުރުން އަލަށް ވަނީ ސަކާ، ބާންސް އަދި ޖޭމްސްއަށް އިންގްލަންޑްގެ ކޯޗް ގެރެތް ސައުތްގޭޓް ވަނީ ރޭގެ މެޗުން ފުރުސަތު ދީފައެވެ.
Ad
rt