ޤައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް، މިއަދު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ.
ޤައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއެކު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އެވެ. ސްޓެލްކޯއާ، ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން އަނބުރާ މުޖުތަމައުއަށް ނިކުންނަ ޤައިދީންނަށް ފަހި ފުރުޞަތުތައް ލިބޭނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ޤައިދީން އަނބުރާ ނިކުންނައިރު މުޖުތަމައު ބަލައިގަންނަ، މަސައްކަތަށް އަހުލުވެރި، އަދި މަސައްކަތަށް ޝައުޤުވެރި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.
އެދިވަޑައިގަތުމަކީވެސް ، އުއްމީދަކީވެސް އަދި މަސައްކަތްކުރައްވަނީވެސް ކޮންމެ ޤައިދީއަކުވެސް އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ހަޔާތުގައި ދިރިއުޅުމަށް ކޮންމެވެސް މަަސައްކަތެއް އިހުތިޔާރުކޮށްގެން ނިކުންނަ މީހަކަށް ހެދުމަށް
މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މުޖުތަމައަކީ އުފާފާގަތި ޞުލުހަވެރި މުޖުތަމައަކަށް ވަނީ އެމުޖަތަމައެއްގެ ދުޅަހެޔޮކަމާއި ބަދަހިކަން އަދި އިޤްތިޞާދީ ފުދުންތެރިކަމުގެ މައްޗަށް ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅިގެންދާ ފަރާތްތަކުގެ ސަބަބުން މުޅި މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވަރަށް ނުރަނގަޅު އަސަރެއްކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގިނަފަހަރަށް އެފަރާތްތައް ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިޤްޠިޞާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެގެންދާ ބަލިމަޑުކަން ހިމެނޭކަމަށެވެ.
ޤައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރޭއިރު އެމީހުންނަކީ މުޖުތަމައުއަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ އިސްނެގުމާއެކު ކަރެކްޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް
މިއަދު ސްޓެލްކޯއާއެކު ފެއްޓެވި މަސައްކަތަކީ ކުރިއަށް ރޭވިފައިހުރި ގިނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓެލްކޯއާއެކު މިއަދު މިފަށައިގަނެވޭ މަސައްކަތުގެ ދަށުން ޤައިދީންގެ ގޮތުގައި ތިބޭ ފަރާތްތައް ސްޓެލްކޯއާއެކު ނިކުމެ މަސައްކަތްކޮށް، އެއްކޮށް މިނިވަންވެގެންދާއިރުގަ ބައެއް މަސައްކަތްތައް ދަސްކުރެވި، އަދި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމުއްދަތުގައިވެސް އޭނާއަށް ލިބިގެންދާ އާމްދަނީ ފަހަށް ރައްކާކުރެވި އޭނާއާއި އޭނާގެ އާއިލާގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ ފަހަރަށް ދިމާވާކަމެއް ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަމުގެ މަގެއް ތަނަވަސްވެފައި ނެތުމުން ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިއުމަށް ފަގުފަހިކޮށްދިއުން. މިޕްރޮގްރާމް ރަނގަޅަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިކޮށާދެވޭ މަގަކީ ދިރިއުޅުން ބައްޓަން ކުރުމަށް ކޮއްދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް.އަދި ދަސްކުރެވޭ މަސައްކަތުގެ ސަބަބުން އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުންވެސް މިފުރުޞަތުތައް މިގޮތަށް ފަހިކޮށްދީ ޤައިދީން ރިހިބިލިޓޭޓްކޮށް މަސައްކަތަށް ނެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މިމަސައްކަތް ފަށައިގަތުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، މެނޭޖްމަންޓް އަދި މުވައްޒަފުންގެ އިސްނެންގެވުން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ މިއަދު މިފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބި ޤައިދީން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ އަދި މުޖުތަމައުއަށް ބޭނުންކުރެވޭ ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.
"މިއެއްބަސްވުމުގެ ސަބަބުން މިހާރު ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ވަށާޖެއްސޭ ނިޒާމެއްގެ ތެރެއަށް ގެނެވި، ދަސްކޮށްދެވޭ ހުނަރުތަކަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ ހުނަރުތަކަކަށް ވާނެކަމަށް އުއްމިދުކުރަން"
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މިއިސްނެގުމަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކުރާ ވަރަށް މުހިއްމު ޒިންމާއެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!