މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެމަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ.
ޤާނޫން ނަންބަރ 17/2011 ވުޖޫދުވީއްސުރެ 2019 ވަނަ އަހަރާ ހަމަޔަށް ނަތާލާފައި ވަނީ 32 ކިލޯގެ މަސްތުވާތަކެތި. 2019 ވަނަ އަހަރުން ފެށިގެން މިއަދާހަމަޔަށް 1106.97 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިން. މާތްﷲ ގެ ވާގިފުޅާއެކު މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތް ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ކާމިޔާބު ވާނެ. މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ކަމާގުޅޭ އެހެން މުއައްސަސާތަކުން މިކަމުގައި ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން.
މިކަމާއި ގުޅޭގޮތުން މިނިސްޓަރ އިމްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 324.05 ކިލޯގްރާމެވެ. މީގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭއެވެ.
Qaanoon No. 17/2011 vujoodhuveessure 2019 vana aharaa hamayah nathaalaafai vanee 32kg ge masthuvaathakethi. 2019 vana aharun feshigen miandhaahamayah 1106.97kg ge masthuvaathakethi natthaalaafin. Masthuvaathaketheege supply madhukurumakee sarukaaruge emme muhimmu eh siyaasathu. pic.twitter.com/geKiSTNLqb
— Imran Abdulla (@ShimranAb) October 8, 2020
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!