ފިރިހެނުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހިދާނެ!

Men get breast cancer too

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އިންޓަރނޭޝަނަލް އޭޖަންސީ ފޯ ކެންސާ ރީސާޗްއިން ހާމަވާ ގޮތުގައި އުރަމަތީގެ ކެންސަރު (ބްރެސްޓް ކެންސަރ) އަކީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރެވެ. ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 ޕަސެންޓަކީ އުރަމަތީގެ ކެންސަރެވެ. އެހެން ޤައުމުތަކާ ހިލާފަށް ރާއްޖޭގައި ތަންކޮޅެއް ހަގު އުމުރުގައި މިކެންސަރު ޖެހޭކަން ފާހަގަކުރެވިފައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ފާހަގަކުރާ "ޕިންކް އޮކްޓޯބަރު" ކަމުގައިވުމާއެކު މިރިޕޯޓުގައި މި ބަލަލާނީ އާންމުކޮން ދިވެހިންގެ ތެރޭގައި އާންމުކޮށް ހޭލުންތެރިވެފައިނުވާ މަޢުލޫއަކަށެވެ.

އަންހެނެއް ކަމުގައި ވީ ނަމަވެސް، ފިރިހެނެއް ކަމުގައި ވީ ނަމަވެސް، ދުނިޔެއަށް އަންނަނީ އުރަމަތީގެ ސެލްތަކާއި ޓިޝޫތައް އުފެދިގެންނެވެ. ނަމަވެސް، ފިރިހެނުންގެ އުރަމައްޗަކީ، ކިރު އުފެއްދުމުގެ ޤާބިލުކަން ލިބިފައިނުވާ ސެލްތަކެއް އެކުލެވިފައިވާ އުރަމައްޗެކެވެ. ނަމަވެސް، މި ސަރަހައްދުގައިވާ ޓިޝޫތަކުގެ ޒަރީޢާއިން ފިރިހެނެއްގެ އުރަމައްޗަށް ކެންސަރު ޖެހުމުގެ ފުރުޞަތުވެސް އޮވެއެވެ.

ފިރިހެނެއްގެ އުރަމައްޗަށް ކެންސަރު ޖެހުމުގެ ފުރުޞަރު ކުޑަ ނަމަވެސް، ދުނިޔޭގެ ކޮންމެ 1000 ފިރިހެނަކުން އެކަކަށް އުރަމަތީގެ ކެންސަރު ޖެހޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިރިހެނަކަށް އުރަމަތީގެ ކެންސަރު ޖެހިގެން އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއްގޮތަކީ، އެ ސަރަހައްދުގައި ހަރު ތަންކޮޅެއް ހުންނަކަން ފާހަގަވުމެވެ. އަދި މިއީ، ކެންސަރުގެ ފުރަތަމަ ސްޓޭޖުގައި މިކަން ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ.

އުރަމަތީގެ ކެންސަރުގައި، އަންހެނުން މަރުވާ ރޭޓަށް ވުރެ ފިރިހެނުން މަރުވާ ރޭޓު ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސަބަބެއް ކަމުގައި ބެލެވެނީ، ފިރިހެނުންނަށް އުރަމަތީގެ ސަރަހައްދުތަކުގައި ހަރު ތަންކޮޅެއް ހުންނަކަން ނޭނގި އަދި ތަފާތު އައިބުކަމެއް ހުންނަކަން ފާހަގަ ނުވާތީ ކަމަށް ތަޖުރިބާ ކާރުން ވިދާޅުވެއެވެ.

އުރަމަތީގެ ކެންސަރު ޖެހިގެން ރިޕޯޓު ކުރާ ފިރިހެނުންގެ ޢާންމު އުމުރެއް ކަމުގައި ބެލެވިފައިވަނީ ޢުމުރުން 50 އަހަރުން މަތީގެ ފިރިހެނުންނެވެ.

އިންފިލްޓަރރޭޓިންގް ޑަކްޓަލް ކާރސިނޯމާ

އުރަމަތީގެ ކެންސަރު ޖެހޭ ފިރިހެނުންގެ ތެރެއިން، ގިނަ ބަޔަކަށް ޖެހޭ ކެންސަރުގެ ވައްތަރަކީ، އިންފިލްޓަރރޭޓިންގް ޑަކްޓަލް ކާރސިނޯމާއެވެ. މި ވައްތަރުގެ ކެންސަރަކީ، އުރަމަތީގެ ޑަކްޓްތަކުގެ އެތެރޭގައިވާ ސެލްތައް އިތުރުވެ، ވަށައިގެންވާ ޓިޝޫތަކުގެ އެތެރެއަށް ވަނުމެވެ. އަދި ވަރަށް މަދުފަހަރެއްގައި މެނުވީ، އުރަމަތީގެ ސަރަހައްދު ދުޅަވުމުގެ ކެންސަރު ފިރިހެނުންނަކަށް ނުޖެހެއެވެ.

ކެންސަރު ޖެހުމަށް ދިމާވާ ސަބަބުތައް

  • ރޭޑިއޭޝަން ދޫކުރާ އާލާތްތަކާއި މާ ގާތުގައި ހުރަހެއް ނެތި ގިނަ އިރު އުޅުން
  • "އީސްޓްރޮޖެން" ހޯމޯން ގައިގަ ވަކި ވަރަކަށް ވުރެ ގިނަ ވުން
  • "ބީއާރްސީއޭ2" ޖީންއާއި ގުޅިފައިވާ އުރަމަތީގެ ކެންސަރު ޢާއިލާގައި ހުރުން.

ބަލީގެ ޢަލާމާތްތައް

ފިރިހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރުގައިވެސް ޢާންމު ގޮތެއްގައި ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނަށް ޖެހޭ ކެންސަރާއި އެއްގޮތް ޢަލާމާތްތަކެކެވެ. މި ގޮތުން އުރަމަތީގެ ސަރަހައްދުގައި ހަރު ތަންކޮޅެއް ފާހަގަވާނަމަ، ފިރިހެނެއް ކަމުގައިވީ ނަމަވެސް، އަންހެނެއް ކަމުގައިވީ ނަމަވެސް، ވަގުތުން ޑޮކްޓަރަށް ދައްކަންވާނެއެވެ.

ކެންސަރު ޖެހިފައިވާ ގިނަ ފިރިހެނުންނަށް އުރަމަތީގައި ހަރު ތަންކޮޅެއް ވާކަމަށް ފާހަަގަވަނީ ޢާންމުކޮށް ފާޚަނައިގައި ފެންވަރާ ވަގުތުތަކުގައެވެ. އަދި މި ހަރު ތަންކޮޅެއް ވާކަމަށް ފާހަގަވަނީ އުރަމަތީގެ ތިރީ ހިސާބުތަކުން ކަމަށް ގިނަ ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ގިނަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ފިރިހެނުން މި ކަން ޑޮކްޓަރަކަށް އެންގުމަށް ގިނަ ދުވަސް ނަގާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، މި ކަމަށް ކުރަންޖެހޭ ފަރުވާ އޮންނަނީ އިތުރުވެފައެވެ.

ފިރިހެނުންގެ އުރަމަތީގެ ކެންސަރުގެ ގިނަ ކޭސްތަކުގައި، އީސްޓްރޮޖެން ރިސެޕްޓަރއަށް ޕޮޒިޓިވްވެ، ހޯމޯނަލް ތެރަޕީގެ މަސައްކަތް ފެށުމުން، މި ބަލިން ސަލާމަތްވުން ގާތްވެގެންދެއެވެ. އަދި ކެންސަރު ބަލި ގައިގާ ހުރިކަން އަވަހަށް އެންގިއްޖެކަމުގައިވާ ނަމަ، ބައްޔަށް ކުރެވޭ ފަރުވާ އިތުރުވެ މި ބަލިން ސަލާމަތްވުން އަންހެނަކާއި އެއްވަރަކަށް ފިރިހެނަކަށްވެސް އޮވެއެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ޗެކުކުރައްވާނެ ގޮތްތައް

1- ވަރަށް ފަސޭހައިން އަމިއްލައަށް ހަދާލެވޭ ޗެކަޕެއް (އަމިއްލައަށް އުރަމަތި ޗެކުކުރުން) މަހަކު އެއްފަހަރު ހެދުން
2- އުމުރުން 45 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު އެއްފަހަރު މެމޮގްރާމް (އުރަމަތީގެ ސްކޭން) ހެދުން
3- އުމުރުން 20 އަހަރުން ފެށިގެން ކޮންމެ 3 އަހަރުން އެއްފަހަރު ޑޮކްޓަރަށް ގޮސް އުރަމަތީގެ ޗެކަޕެއް ހެދުން، އަދި އުމުރުން 40 އަހަރުވުމުން ކޮންމެ އަހަރަކު އެއްފަހަރު އުރަމަތީގެ ޗެކަޕެއް ހެދުން

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވީ، އުރަމަތީގެ ކެންސަރު ދެނެގަތުމަށްޓަކައި ގަވާއިދުން ޗެކަޕްހެދުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި ޗެކަޕް ހެދުން ފަސްކުރުމާއި، ޗެކަޕް ނަހަދައި ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އުރަމަތީގެ ކެންސަރަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ.

އެކަމަކު މިބަލީގެ ކުރީކޮޅު އެނގިއްޖެނަމަ ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. އުރަމަތީގެ ކެންސަރު ޖެހުމުގެ ކުރީކޮޅު އެނގިއްޖެނަމަ، އަވަހަށް ފަރުވާލިބުމުން ރަނގަޅުވާ މިންވަރު %90 އިތުރުވެއެވެ.

އާންމުން ހޭލުންތެރި ކުރެއްވުމަށް މީސް މީޑިއާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތައް ދެއްވަމުން ގެންދަވާ ޑރ. މުޙައްމަދު ޢަލީ ވިދާޅުވި އެވެ.

އުރަމަތީގެ ކެންސަރުގެ އަލާމާތްތައް
· އުރަމަތީގައި ގަނޑުލުން
· ކިހިލިފަތުގައި ގޮށްލުން ނުވަތަ ދުޅަވުން
· އަޑިކޮޅުތަކެއް ފަދައިން ހަމުގެ އޮމާންކަމަށް ބަދަލުއައުން
· ވައްގަނޑަށް ބަދަލުއައުން ނުވަތަ ވައްގަނޑުން ދިޔައައުން " (ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފްލެޔަރ)

އެހެންކަމުން، ފިރިހެނަކަށް އުރަމަތީގެ ކެންސަރު ޖެހިދާނެ ކަމަށް ޤަބޫލު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އުރަމަތީގެ ކެންސަރަށް މަގުފަހިވެދާނެ ފަދަ ކަންކަމުން ދުރުހެލިވެ ހުރުމަކީވެސް ނުހަނު އިސްކަމެއް ދޭން ޖެހޭނެ ކަންކަމެވެ.

ދިވެހިރާއްޖޭގައި މިހާރު އުރަމަތީގެ ކެންސަރަށްދެވޭ ތަފާތު ފަރުވާތައް އެބަހުއްޓެވެ. އޭގެ ތެރެގައި އޮޕަރޭޝަން ކުރުމާއި، ރެކޮންސްޓްރަކްޝަން އަދި ކީމޯތެރަޕީވެސް ދެވެއެވެ. އުރަމަތީގެ ކެންސަރުގައި ރާއްޖެއިން ބޭރަށް ދާންޖެހެނީ ހަމައެކަނި ރޭޑިއޭޝަން ތެރަޕީއަށެވެ.

ދިވެހިރާއްޖޭގެ ކެންސަރ ސޮސައިޓީއިންވެސް އަންނަނީ ފިރިހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާއި ބެހޭގޮތުން ހޭލުންތެރި ކުރުވަމުންނެވެ. މި ގޮތުން، އެ ސޮސައިޓީއިން ވަނީ މިކަމާ ގުޅޭ ޕޯސްޓަރެއް ޓްވީޓްކޮށްފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުންވެސް ވަނީ މިކަމާ އެއްބަސްވެ، އުރަމަތީގެ ކެންސަރަކީ ފިރިހެނުންނަށްވެސް ޖެހިދާނެ ބައްޔެއްކަމުގައި ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *