މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިން ގޮތުގައި ހަމަޖައްސާފައިވާއިރު، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފެހެއްޓޭނެ ކަމަށް އެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުން ހުސް ދިވެހިންނަށް ބަދަލު ކުރުމާއި ގުޅިގެން، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފެހެއްޓޭނެ ކަމަށެވެ.

Ad
rt

''އަދި ގާބިލު ދިވެހިންނަށް ވަޒީފާތަކެއް ލިބިގެން މިދިޔައީ، މިއަދަކީ ދިވެހިންނަށާއި، އެމްޓީސީސީއަށް އުފާވެރި ދުވަހެއް''

އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ގެންނެވި މުހިންމު މިބަދަލަށް ގިނަ ޢަދަދެއްގެ ދިވެހިން ދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް އެކްނަ ފާހަގަކޮށް ސީއީއޯ އާޒިމަށާއި، އެމްޓީސީސީއަށް ތަޢުރީފު ކުރަމުންނެވެ.

މިގޮތުން ހެޕީމާކެޓްގެ ސީއީއޯ ޢަލީ އިޙްސާން ވަނީ އެބަދަލަށް ތަޢުރީފްކޮށް، އާޒިމަށާއި އަދި އެމްޓީސީސީއަށް މަރުހަބާ ކިޔާފައިއެވެ. އަދި އާޒިމް އަކީ އެހެން ކުންފުނިތަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެ އިޙްސާން ވިދާޅުވީ އެމްޓީސީސީން ވަނީ އެކުންފުނީގެ ޝެއާ ހޯލްޑަރުންނަށާއި، ޤައުމަށް އުންމީދު ކުރާފަދަ ނަތީޖާއެއް ދައްކުވައި ދީފައި ކަމަށެވެ.

އެމްޓީސީސީގެ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މުޅިންވެސް ދިވެހިން ހަމަޖެއްސީ އިއްޔެއިން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރު އެ އުޅަނދު ގެނެސް ބޭނުންކުރަން ފެށިއިރު މަހާޖައްރާފުގައި 10 ބިދޭސީން ތިބިއްބެވެ. ނަމަވެސް މިހާރު މަހާޖައްރާފުގައި ތިބޭނީ 14 ދިވެހީން ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަން، ދެ ޗީފް އޮފިސަރުން، ޗީފް އިންޖީނއަރު، ސެކަންޑް އިންޖިނިއަރު ހަތަރު ޕައިޕް އޮޕަރޭޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާ އެކު ކައްކާ މީހުން ހިމެނެ އެވެ. މިބަދަލާއެކު ކުންފުނީގެ ޕޭރޯލުން 6.5 މިލިއަން ރުފޔާ ސަލާމަތްވެގެންދާނެ ކަމަށެވެ. ސަލާމަތްކުރެވެ 6.5 މިލިއަން ރުފިޔާއަކީ މީގެ ކުރިން ބިދޭސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެމުންދިޔަ ފައިސާއެވެ.

މިހާތަނަށް މަހާޖައްރާފުން ވަނީ 13 މަޝްރޫއެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި އުތުރުގެ ހއ. ހޯރަފުށި އަދި ށ. ފުނަދޫގެ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ.

މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި މަހާ ޖައްރާފަށް ބަރު ކުރެވޭނެއެވެ. އެމްޓީސީސީ އިން މަހާ ޖައްރާފު ގެނައުމާއިއެކު މީގެކުރިން ބޭރުގެ ފަރާތްތަކަށް ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުން އަންނައިރު ރާއްޖެއިން ބޭރުވެގެން ދިޔަ އެތައް ފައިސާއެއް ވަނީ ހިފެހެއްޓިފައެވެ.