ނުޙައްޤު މުއްސަނދިކަމަކީ އެއީ ކުށަކަށް ހެދުމުގެ ވާހަކަ ދައްކާތާ 12 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި އަދި ހިނގަމުން ދަނީ އެވާހަކަ ދެކެވޭ 3 ވަނަ މަޖިލިސްކަމަށާއި، ނުޙައްޤު މުއްސަނދިކަމަކީ އެއީ ކުށަކަށް ވާން ޖެހޭ ކަަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް މަޖިލިސް ޖަލްސާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުޙަލާގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ނުޙައްޤު މުއްސަނދިކަމަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މި ފަހުގެ ތާރީޚެއްގައި ގެނެވޭ އެންމެ ބޮޑު އިޞްލާޙު ކަމަށެވެ.
އެ އިޞްލާޙު ހަމަ މަޖިލީހުން ފާސްވާނެ ބާވައޭ ބައެއް ފަހަރު ހިތަށް އަރާ ކަމަށް ޢަލީ ވިދާޅުވިއެވެ. ސަބަބެއް ގޮތުގައި ޢަލީ ފާހަގަ ކުރެއްވީ އެ ވާހަކަ ދައްކާތާ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ފާއިތުވެފައި ވުމެވެ.
''އެންޓި-ކޮރަޕްޝަން ކޮމިޝަން ވުޖޫދަށް އައީއްސުރެ މި ވާހަކައެއް އެބަ ދެކެވޭ. އެންޓި- ކޮރަޕްޝަން ކޮމިޝަނުން އެތަކެއް ފަހަރަކު މި ވާހަކަ ދައްކައިފި. ނުޙައްޤު މުއްސަނދިކަމަކީ އެއީ ކުށަކަށްވާން އެބަޖެހޭ. ދުނިޔޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ރަނގަޅު ޤައުމުތަކުގައި ވެސް އަދި ޖަމުޢިއްޔާތަކުން ވެސް މިކަމަށް، މިކަމުގެ ވާހަކަ ދައްކާތް ކިތަންމެ ޒަމާނެއް ވެއްޖެ. އެހެންނަމަވެސް، އޭގެފަހުން 3 މަޖިލީހެއް. މިއީ އޭގެ 3 ވަނަ މަޖިލިސް''
ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ މި މަޖިލީހުން އެކަން ފާސްވެއްޖެ ކަމަށް ވާނަމަ އެއީ ހަމަގައިމު ވެސް މި މަޖިލީހުން ފާސްކުރާނެ އެންމެ ރަނގަޅު އަދި މުހިންމު ގާނޫނީ އިޞްލާޙަށް ވެގެންދާނެ ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމަށާއި އަދި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި ކުރާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ބާރަކަށް އެ އިސްލާޙް ވެގެން ދާނެކަން ފާހަގަ ކުރަށްވާ ޢަލީ ވިދާޅުވީ އިހަކަށްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލި މައްސަލައެއްގައި ދައުލަތުގެ ވުޒާރާއެއްގެ ވެރިޔަކު އޭނަގެ ބައްޕާފުޅު، ދައުލަތުގެ އިމާރާތެއްގައި ވަކި މުއްދަތެއް ވަންދެން ބަހައްޓާފައި ހުރުމުން އެއީ ވެސް ކޮރަޕްޝަނެއް ނޫން ކަމަށް ދާދިފަހުން އަޑު އިވިގެން ގޮސްފައި ވާކަމަށެވެ.
''އެއީ އެ ތަނުގައި އޮންނަ ގަވާއިދެއްގައި ލިޔެފައި އޮންނަނިއްޔޯ އެގޮތަށް އެ މީހެއްގެ ޢާއިލާގެ މީހަކު އެތާ ބެހެއްޓިދާނޭ. ނަމަވެސް، މިހާރު މި ގާނޫނު މިގޮތަށް އައުމާ ގުޅިގެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އަދި ދައުލަތުގެ ފަރާތްތަކުން، ދައުލަތުގެ އިދާރާތަކުން މިގޮތަށް ގަވާއިދު ހަދައިގެން ނުޙައްޤު މަންފާތަކާއި އަދި ނާޖާއިޒު ފައިދާތައް އެ މީހުންނާއި އަދި އެ މީހުންގެ ޢާއިލާތަކަށް އަދި އެ މީހުންގެ ރައްޓެހިންނަށް ދެވޭދިނުން ހުއްޓިގެންދާނެ. އެގޮތަށް ދޭ ކަމަށް ވަންޏާ އެއީ ކުށަކަށް ވެގެންދާނެ.'' ޢަލީ ވިދާޅުވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ހުށަހެޅިފައިވާ އިޞްލާޙް ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ އިންސްޓިޓިއުޝަނެއް އުފެއްދުމަށްފަހު އެ އިންސްޓްޓިއުޝަނަކަށް ވަނީ ކީއްތޯ އަޅުގަނޑުމެން ބަލަން ޖެހޭ ކަމަށެވެ.
2018ގެ ކުރިން އެންޓި- ކޮރަޕްޝަން ބޯޑެއް އޮންނަ ކަމަށާއި، އޭގެފަހުން އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އުފެދިފައި އޮތްކަން ފާހަގަ ކުރަށްވާ ޢަލީ ވިދާޅުވީ އެ މުއައްސަސާ އުފެދިގެން މިއަދާ ހިސާބަށް އައިއިރު ނެރެވުނު ނަތީޖާއަށް ބަލައިލަން ޖެހޭ ކަމަށެވެ.
''އެންޓި-ކޮރަޕްޝަން ކޮމިޝަން އުފެދުނު ފަހުން 12 އަހަރު ވެފައިވާއިރުގައި ކޮރަޕްޝަން ގުޅިގެން ކިތައް މީހުންގެ މައްޗަށްތޯ ދަޢުވާކުރެވުނީ؟ ކިހާ ފައިސާއެއްތޯ ދަޢުވާކޮށްގެން ހޯދުނީ، ނުވަތަ އެ ކޮރަޕްޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތާ ދޭތެރޭގައި ރައްޔިތުން ދެކެނީ ކިހިނެއްތޯ.''
ޢަލީ ވިދާޅުވިއެވެ.
މިއަދު މި ސުވާލުތައް ކޮށްލަން ޖެހޭ ކަމަށާއި، ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގެ ވެރިއަކު ހިއްސާކުރެއްވި ކުޑަކުޑަ ދިރާސާއެއް ދައްކާ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ ޚަރަދާ އަޅާބަލާއިރުގައި ޙަޤީޤަތުގައި މި ވޭތުވެދިޔަ 12 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދައުލަތަށް ހޯދިފައިވަނީ، ވަރަށް ކުޑަކުޑަ މިންވަރެއް، އަދަދެއްގެ ފައިސާ ކަމަށް ޢަލީ ވިދާޅުވިއެވެ.
''އެހެންވީމާ، 5 މެންބަރުން ބައިތިއްބައިގެން ސާޅީހަކަށް އިންވެސްޓިގޭޓަރުން ނުވަތަ ތަޙުޤީޤުކުރާ ފަރާތްތައް ބައިތިއްބައިގެން ކީއްތޯ މި ކުރަނީ؟ ކިހިނެއްވެގެންތޯ ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ނުވަތަ ކޮރަޕްޝަން ހިންގާ ފަރާތްތަކާ ދޭތެރޭގައި އެކަށީގެންވާ ގޮތެއްގައި ދަޢުވާނުކުރެވިގެން މި އުޅެނީ؟''
ޢަލީ ވިދާޅުވިއެވެ.
އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް ނޫސްތަކުން ފެންނާނީ، މިވެނިމިވެނި މައްސަލައެއްގައި ކޮރަޕްޝަނުގެ ދަޢުވާކުރުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވިއްޖެ ކަމަށާއި، އިތުރު ކަންތައްތަކެއް، އިތުރު ކަންތަކާ ގުޅޭ އިތުރު މަޢުލޫމާތުތަކެއް ބޭނުންވާތީވެ ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން އަނެއްކާ އެ ފައިލް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަލުން އަނބުރާ ފޮނުވައިލައިފިކަމަށް ދެތިން ދުވަސް ފަހުން ފެންނާނީ އަނެއްކާވެސް ނޫހުން ހެޑްލައިނެއް ކަމަށް އަލީ ވިދާޅުވިއެވެ.
''ދަންނަވަން މި އުޅޭ ވާހަކައަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް މި ހުށަހެޅޭ އިޞްލާޙުންނާއި އަދި ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިގެން މިދާ ނުޙައްޤު މުއްސަނދިކަމަކީ އެއީ ކުށެއް ކަމުގައި ބެލުމުގެ އިޞްލާޙުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުންނާއި މި ދެ އިޞްލާޙުގެ ސަބަބުން، މި ދެ އިޞްލާޙުގެ ތެރެއިން ލާފައި އެންޓި-ކޮރަޕްޝަން ކޮމިޝަން މި އޮތް ޒަމާން ވަންދެން މި ކިޔާ، ތިމަންނަމެންނަށް މިވެނި ބާރެއް ނެތޭ. އެވެނި ބާރެއް ނެތޭ. މިވެނި ނުކުރެވެއޭ، އެވެނި ކަމެއް ނުކުރެވެއޭ
ބުނާބުނުމަށް ނިމުމެއް އަންނަންޖެހޭނެ.'' ޢަލީ ވިދާޅުވިއެވެ.
ނުޙައްޤު މުއްސަނދިކަމާއި ގުޅިގެން ކުރާ ދަޢުވާ ސާބިތުކުރުމުގެ ޒިންމާ އާންމު ގޮތެއްގައި މިހާރު އޮންނަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ ބޮލުގައި އެޅިފައި ކަމަށާއި، އެހެންނަމަވެސް، މިހާރު މި ގެނެވޭ އިޞްލާޙުތަކުގެ ސަބަބުން ނުޙައްޤު މުއްސަނދި ކަމެއް މީހެއްގެ އަތުގައި ހުރެއްޖެ ނަމަ، އެ މީހަކަށް އެ ފައިސާ ލިބުނީ ނުވަތަ އެ މަންފާއެއް ލިބުނީ ނުވަތަ މުއްސަނދި ކަމެއް ލިބުނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީންކަން އެ މީހަކު ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ.
''އެހެންވީމާ، ބަރޝަން އޮފް ޕްރޫފް ނުވަތަ އެ ސާބިތުކޮށްދޭންޖެހޭ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލެއް ނޫން. އެ މުއްސަނދިކަމެއް ހުރި މީހަކު ސާބިތުކޮށްދޭން މި ޖެހެނީ. ހަމައެއާއެކީގައި ކޮރަޕްޝަނާ ގުޅިގެން އޭގެ ވަށައިގެންހެން ހުރިހާ ކަމެއް ވެސް މިހާރު ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ގޮތަށް ގާނޫނު އިޞްލާޙުކުރެވިގެން މި ދަނީ. އޭގެ މާނައަކީ، ކޮރަޕްޝަނަށް އެދި ހުށަހެޅުމަކީ ވެސް އެއީ ވެސް ކުށެއް، ރިޝްވަތެއް ހޯދުމަށް ބުނުމަކީ ކުށެއް، އަދި ހުށަހަޅާ މީހާ ހުށަހެޅުމަކީ ވެސް އޭގެ ޒާތުގައި ކުށެއް.'' ޢަލީ ވިދާޅުވިއެވެ.
މި ގެނެވޭ ދެ އިޞްލާޙުގެ ސަބަބުން މަންފާގެ މާނަ ވެސް ވަރަށް ބޮޑަށް ފުޅާކޮށް ކުރެވިފައި ވާކަން ފާހަގަ ކުރަށްވައި ޢަލީ ވިދާޅުވީ ބައެއް އޮފީސްތަކުގައި، ބައެއް ސަރުކާރުގެ ޢަދި ދަޢުލަތުގެ ބައެއް އިދާރާތަކުގައި ތިއްބަވާ ބޭފުޅުން، އެ ބޭފުޅަކު ކުރެއްވި މަސައްކަތެއް، ވަޒީފާއިން ބޭރުން ކުރެއްވި މަސައްކަތެއްގެ ކޮމިޝަނުގެ ގޮތުގައި ނަގާ ފައިސާގެ ގޮތުގައި ފައިސާ ނަގާ ވާހަކަ އަޑު އިވޭ ކަމަށެވެ. ''އެއީ ތިމަންނަ ކުރި މަސައްކަތަކަށް ނަގާ ފައިސާއެކޭ. އެއްވެސް ގޮތަކަށް ކޮރަޕްޝަނުގެ ފައިސާއެއް ނޫން.'' އެމީހުން ބުނާ ކަމަށެވެ.
ނަމަވެސް މިހާރު ޤާނޫނުގައި ހިމަނަން ހުށަހެޅި، އިސްލާޙް ކުރެވިގެން ދަނީ ދައުލަތުގެ އެއްވެސް މަޤާމެއްގައި ހުންނަ މީހަކަށް ކޮމިޝަނެއް ނުނެގޭނެ ކަމަށާއި، ކޮމިޝަނެއްގެ ގޮތުގައި ވެސް ފައިސާއެއް ނެގުމަކީ، ފީއެއްގޮތުގައި ވެސް ފައިސާއެއް ނެގުމަކީ، ޑިސްކައުންޓެއްގެ ގޮތުގައި ފައިސާއެއް ނެގުމަކީ އަދި ދެވޭ ޑިސްކައުންޓެއްގެ ތެރެއިން ފައިސާ ނެގުމަކީ އެއީ ވެސް ކުށެއްގެ ގޮތުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!