ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ 10 ނޮވެމްބަރ 2019 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި އަދި 282 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އެމްޓީޓީސީން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!