ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތުން އާންމު ކޮމެޓީއިން ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެކުގައި، އެއް ހިސާބެއްގައި ތަޅުމުގައި ތިބޭ ގޮތަށް ތަޅުމުގެ ގޮނޑިތަކުގެ ތަރުތީބު ބަދަލު ކުރުމަށެވެ.
އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ތިބޭ ތަރުތީބަށް ބަދަލު ގެނައުމަށް ހުށަހެއްޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކޮމެޓީގެ ނައިބު މުޤައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
އެ ހުށަހެޅުމަށް ކޮމެޓީގެ މެންބަރުން ދެއްވި ވޯޓު ފުރަތަމަ ވަނީ ދެކޮޅަށް ހަމަހަމަ ވެފައެވެ. މިގޮތުން އެ ހުށަހެޅުމާއި އެއްކޮޅަށް ތިން މެމްބަރަކު ވޯޓަށް ދެއްވިއިރު، އެ ހުށަހެޅުމާ ދެކޮޅަށްވެސް ތިން މެމްބަރަކު ވޯޓު ދެއްވިއެވެ.
އެކަމަށް ކޮމެޓީގައި ނެގުނު ވޯޓު އެއްވަރުވުމުން އެ ހުށަހެޅުން ފާސްވީ، ކޮމެޓީގެ ޤަވާޢިދު ބުނެފައިވާ ގޮތަށް، ކޮމިޓީގެ މުޤައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ވޯޓު ދެއްވައިގެންނެވެ.
މަޖިލީހުގެ އާންމު ކޮމެޓީގައި 8 މެންބަރަކު ތިއްބަވާއިރު، އެ ހުރިހާ މެންބަރުންވެސް ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށެވެ.
ކޮމެޓީއިން މިގޮތަށް ފާސްކުރި ނަމަވެސް، އެ ނިންމުމަށް އަމަލު ކުރުމަށް ގޮތެއް ނިންމާނީ މަޖިލިސް ތަޅުމުގައި އެ ނިންމުމާއިމެދު ނެގާ ވޯޓުން ނިމޭ ގޮތެއްގެ މަށްޗަށެވެ.
އެނިންމުން މަޖިލިސް ތަޅުމުން ފާސްވެއްޖެނަމަ، މެމްބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމަށް އާންމު ކޮމެޓީގެ މުގައްރިރު ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މެމްބަރުން އިށީންނާނެ ގޮތުގެ މަޝްވަރާ މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ފެށީ މަޖިލީހުގެ ސެކްރެޓޭރިއޭޓުން އެ ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
މަޖިލީހުގައި މިހާތަނަށް އަމަލު ކުރެވެމުން އަންނަ ތަރުތީބަކީ، މާލޭ ސިޓީން ފެށިގެން ހއ. އަތޮޅުން، އައްޑޫ ސިޓީގެ ނިޔަލަށް އެ ތަރުތީބުން މަޖިލީހުގައި މެންބަރުން ތިއްބަވާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!