ރާއްޖެއިން ބޭރުގެ ނުދަންނަ ނަމްބަރަކުން މިސްކޯލް އެއް ލިބުމުން އަލުން އެނަންބަރަށް ނުގުޅުމަށް ދިރާގުން އެދިއްޖެ އެވެ.

ދިރާގުގެ ކަސްޓަމަރުންގެ ކިބައިން މިގޮތަށް އެދިފައި މިވަނީ ގިނަ ބަޔަކަށް ބޭރުގެ ނަމްބަރަކުން މިސްކޯލް ދެމުންދާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ދިރާގުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ބޭރުގެ ނަމްބަރަކުން ގުޅަމުން އަންނަ ކަމަށާއި އަދި މެސެޖްކޮށް ގުޅުމަށް އެދެމުން އަންނަ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ދިރާގުން ބުނެފައިވަނީ ބޭރުގެ ނުދަންނަ ނަމްބަރުތަކުން ގުޅުމުން ޖަވާބު ނުދިނުމަށް ވެސް އެދިފަ އެވެ.

Ad
rt

ރަޝިއާއާއި ސުވިޒަރލޭންޑް ގެ ނަމްބަރުން ގިނަ ބަޔަކަށް ގުޅަމުން އަންނައިރު މީގެ ކުރިން ފުލުހުން ވެސް ވަނީ އެގޮތަށް އަންނަ ކޯލްތަކަށް ޖަވާބު ނުދޭން އެދިފަ އެވެ. އަދި އެއީ ގަސްދުގައި ގެއްލުމެއް ދިނުމަށް ކުރާ ކޯލްތަކަކަށް ވެދާނެތީ އެކަމަށް ސަމާލުވުމަށް ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

ފަހަކަށް އައިސް ފޯނާއި އިންޓަނެޓް މެދުވެރިކޮށް ފޭރުމާއި، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.