ނިއު ޒިލެންޑް އިން އަނެއްކާވެސް ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

ނިޔު ޒިލެންޑްއިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މަސައްކަތްކޮށް ހޯދި ކާމިޔާބީ އިޢުލާންކޮށްފައި މިވަނީ އެ ޤައުމަށް ކޯވިޑް-19 ގެ ދެވަނަ ރާޅެއް ބިންދާލުމަށްފަހު އެ ޤައުމުގެ އެންމެ ބޮޑު އެއް ސިޓީ އެއްކޮށް ފުރަބަންދު ކުރުމަށް ފަހުގައެވެ.

Ad
rt

ނިޔު ޒިލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާރޑަން މިއަދު ވިދާޅުވި ގޮތުގައި، އެ ޤައުމު އަނެއްކާވެސް ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަކޮށް ވައިރަސް ވަނީ އެއްކޮށް ހެން ނައްތާލެވިފައެވެ.

އެ ޤައުމަށް ދެވަނަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވަނީ، މިދިޔަ މޭ މަހުގެ ފަހު ކޮޅު ވައިރަސް އެއްކޮށް ނައްތާލުމަށްފަހު 102 ދުވަހު އެއްވެސް ކޭސް އެއް ނުފެނި އޮވެފައެވެ. ދެވަނަ ރާޅުގައި އައު ކްލަސްޓަރ އެއް އެ ޤައުމުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ އަކްލަންޑްގައި ފެނުމާއި އެކު، އެ ޤައުމުގެ ސަރުކާރުން 1.5 މިލިޔަން މީހުން ދިރިއުޅޭ އަކްލަންޑް އެއްކޮށްހެން ވަނީ ފުރަބަންދު ކޮށްފައެވެ.

ހޯމަ ދުވަހާއި ހަމައަށް އެއްވެސް އައު ކޭސްއެއް 12 ދުވަސް ވީ އިރު ފެނިފައި ނުވާއިރު، އެ ޤައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާރޑަން ވަނީ އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ކިޔާފައެވެ.

"ދެވަނަ ފުރަބަންދު ހީވި ކަހަލަ ވަރަށް ދިގު ވާނެ ހެން. އަދި މި ކަން ދިގުލައި ދެމިގެންދާނެހެން ވެސް ހީވި. އަދި މިއަހަރު ވަރަށް ބޮޑަށް ދިގު ވެގެން ދާނެ ހެންވެސް ހީވި"

އޭނާ އިތުރަށް ވިދާޅުވިއެވެ.

އަކްލަންޑް ސިޓީގައި ދިރިއުލޭ ރައްޔިތުންނާއިއެގައުމުގެ ރައްޔިތުން އެއްކޮށް މަސައްކަތް ކޮށް މިހާރު އަނެއްކާވެސް މިވަނީ ވައިރަސް އެއްކޮށްހެން ނައްތާލާފައެވެ. ބޮޑު ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އަކްލަންޑްގެ އެލާރޓް ލެވެލް އަންނަ ބުދަ ދުވަހު އެ ޤައުމުގެ އެހެން ސިޓީ ތަކާއި އެއްވަރަށް ދަށްކުރާނެއެވެ.

ނިޔު ޒިލެންޑްއިން މިހާތަނަށް ކޯވިޑް-19 ގައި25 މީހުން މަރުވެފައިވާ އިރު، 5 މިލިޔަންގެ އާބާދީ އޮތް މި ޤައުމުގައި މިވަގުތު ބަލިޖެހިފައިކަމަށް ރިޕޯޓްތަކުން ދައްކަނީ 40 މީހުންނެވެ. އެގައުމުން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 1855 މީހުންނެވެ. ނިޔު ޒިލެންޑް ފާހަގަ ކުރެވިފައިވަނީ ކޯވިޑް19 މެނޭޖްކުރުމުގައި ނަމޫނާ ގައުމެއްގެ ގޮތުގަ އެވެ.