މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ''ދުވަހަކުން'' ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭ ވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ.

މުދައްރިސުންނަކީ މި ޤައުމިއްޔު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނެވެ. މުދައްރިސުންގެ ޚިދުމަތަކީ، ސިކުންތަކަށް ވިޔަސް ފަނޑުނުވާނޭ ޚިދުމަތެކެވެ. މުޖުތަމަޢެއް އެންމެ ބޮޑު ދަރަންޏަކުން ދަރާފައިވާ ބަޔަކީ ވެސް މުދައްރިސުންނަށެވެ.

Ad
rt

މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤައުމީ ޚިދުމަތުގައެވެ. ބަންދު ދުވަހެއް ރަސްމީދުވަހެއް ތަފާތެއްނެތި، ކޮންމެ ސިކުންތަކުމެ މުދައްރިސުންގެ ސިކުނޑި އޮންނާނީ އަބަދުވެސް ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކޮންމެސް މަސައްކަތަކާއި ގުޅިފައެވެ. އެސިކުނޑިތައް އަދާކުރާ ޤައުމީ ޒިންމާގެ ބަދަލުގައި ލިބެނީ، މަސައްކަތާއި އެކަށޭނަ އުޖޫރައެއްތޯ ނުބަލައްލަވައެވެ. ޝަކުވާއެއްނެތި އެތިއްބަވަނީ ޤައުމު އާރާސްތުކުރުމުގައެވެ.

ލޯބިވާ ޢާއިލާއާއި، އަމިއްލަ އެތައް އުފަލެއް ދޫކޮށް މުދައްރިސުންގެ ހުރިހާ ހަކަތައެއް ދޫކުރަނީ އުނގަންނައިދިނުމާއި، ދަރިވަރުން ބިނާކުރުމާގުޅޭ މަދަރުސާތަކުގެ ހަރަކާތްތަކަށެވެ. ދަރީންނާއި، އަނބީންނާއި، ފިރީންނާއި އަދި މައިންބަފައިންނަށް ދޭންޖެހޭ ވަގުތު ޤުރުބާންކުރަނީ މަސްއޫލިއްޔަތު އުފުލުމުގައެވެ. އުނގަންނައިދިނުމުގެ ބުރަ ޒިންމާގައި އެވެ.

މުޅިދުނިޔެއަށް ފެތުރިފައިވާ ކޯވިޑްގެ ބިޔަ ރާޅު މި ރާއްޖެއަށް ވެސް ފޯރައި، އެ ބަލީގެ ހާލަތުގައި ވެސް އެންމެ އިންޗިއެއްވެސް ދޫދިނުމެއްނެތި ޚިދުމަތުގައި ތިއްބެވި އެއްބަޔަކީ މުދައްރިސުންނެވެ. ހާލަތަށް ކިޔަވައި ދިނުމުގެ ގޮތްތައް ބަދަލު ކުރަށްވައި، މުދައްރިސުން އުފުލަމުން ގެންދަވަނީ އާދަޔާ ޚިލާފު ބުރަ ޒިންމާއެކެވެ.

އޮންލައިން ކިލާސްތައް މެދުވެރިކޮށް ކިޔަވައިދޭން މަޖުބޫރުކުރުވި މިހާލަތުގައިވެސް މުދައްރިސުން ގެންދަވަނީ ދަރިވަރުންނަށް ހާސިލްވާންޖެހޭ މިންވަރު އުނގަންނަވައި ދެއްވަން ބުރަ މަސައްކަތެއް ކުރަށްވަމުންނެވެ. އޮންލައިން ކިލާސްތަކަށް ތައްޔާރު ވުމާއި، ފިލާވަޅުތައް އޮޅުން ފިލުވައިދީ، ދަރިވަރުންނަށް މަސައްކަތް ހަވާލުކޮށް އަދި ދަރިވަރުން ފުރިހަމަކޮށް އަޕްލޯޑްކުރާ ތަމްރީނުތައް ބަލައި، މާކުކޮށް އަދި އިތުރު އިރުޝާދުދީ ހެދުމުގެ މަސައްކަތަކީ އެކަން ކުރާން ޖެހިފައިވާ މީހަކަށް މެނުވީ އެކަމުގެ ހުރި ބުރަކަން ވަޒަން ކޮށްލެވޭނެ ކަމެއް ނޫނެވެ.

ޤައުމުގެ ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި މުދައްރިސުންނަށް އޮތީ ހިފެހެއްޓުމެއްނެތް ލޯތްބެވެ. ބެލެނިވެރިންގެ އެދުމަކީ، މުދައްރިސުން އުފަލުގައި ތިބުމެވެ. މުދައްރިސުންނަށް މުޅިމުޖުތަމައުން އެކަށޭނަ މަޤާމާއި، ގަދަރު ފުރިހަމަ މާނާގައި ލިބިގެންދިއުމެވެ. މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކުރުމީ، މިޤައުމުގެ ކޮންމެ ބެލެނިވެރިއެއްގެ އަދި ފަރުދެއްގެ ވެސް އެދުމެވެ.

މިޝުޢޫރުތައް މިދޫކޮށްލަނީ މުދައްރިސުންނަށް ލޯތްބާއެކުގައި އެވެ. ހުރިހާ މުދައްރިސުންނަށް ހިތުގެ ފުންމިނުން ޝުކުރުވެރިވާ ހާލުގައި އެވެ.