އަވަށްޓެރި ސްރީލަންކާއިން ކޯވިޑް-19 ގެ ކޭހެއް ފެނުމުގެ ސަބަބުން އަނެއްކާވެސް އެ ޤައުމުގެ ސްކޫލުތައް ބަންދުކޮށްފިއެވެ.
ލަންކާގެ ހެލްތު މިނިސްޓަރ ޕަވީތްރާ ވަންނިއަރައްޗި ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ލަންކާގެ ސްކޫލުތައް އޮކްޓޯބަރ 5 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފައެވެ. މި ނިންމުން މި ގޮތަށް ނިންމާފައިވަނީ، ގަމްޕަހާ ސަރަހައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި އެކުއެވެ.
މިދިޔަ އާދިއްތަ ދުވަހު މި ކޭސް ފެނުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ގަމްޕަހާ ސަރަހައްދުގެ އެންމެހާ ސްކޫލުތަކާއި، ޓިއުޝަން ދޭ ސެންޓަރުތައްވެސް ބަންދުކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީއިން އަންނަނީ ހީވާގި ކަމާއި އެކު މެދު ނުކެނޑި ބަލި މީހާ އާއި ބައްދަލުވީ އެންމެހާ ފަރާތްތަށް ދެނެގަތުމުގެ މަސައްކަތްތަށް ކުރަމުންނެވެ.
މިފަހަރު ލަންކާއިން ފެނުނު ކޯވިޑް ކޭސްގައި ޕޮޒިޓިވްވެފައި ވަނީ ފެކްޓްރީއެއްގައި މަސައްކަތް ކުރަމުން އައި އަންހެނެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވެފައި ވުމާއި އެކު، ލަންކާގެ ގިނަ ހިސާބުތަކެއް މިހާރުވަނީ އެލާރޓަށް ގެނެސްފައެވެ.
ނެޝެނަލް އޮޕަރޭޝަންސް ސެންޓަރ ފޯރ ޕްރިވެންޝަން އޮފް ކޯވިޑް-19 ގެ ސްޕޯކްސްޕާރސަން، ކާނަލް އާރމީ މެޑިއާ ވިޖިތަ ހެއްޓިއަރައްޗީ ވިދާޅުވި ގޮތުގައި އެ ޤައުމުގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާވެސް ވަނީ މި ނިންމެވުުން ޤަބޫލު ކުރައްވާފައެވެ.
އޮތޯރިޓީ ތަކުންވަނީ މިނުވަންގޮޑާ އަދި ދިވުލަޕިޓިޔާ ސަރަހައްދުން ދަތުރު ކުރާ އަދި ދަތުރު ކުރި އެންމެންވެސް ރައްކާތެރިވުމަށް ގޮވާލާފައެވެ. ސަބަބަކީ، ޕޮޒިޓިވްވި އަންހެން މީހާ ޕޮޒިޓިވް ވީ އާންމު ރައްޔިތުންގެ މީހެއްގެ ފަރާތުން ކަން ކަށަވަރު ނުވާތީއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވި ބަލި މީހާ، ސެޕްޓެމްބަރ 30 ވަނަ ދުވަހު ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވަނީ ހުން ގަދަ ވުމުގެ ސަބަބުންނެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ކޯވިޑް ޓެސްޓު ހެދުމުން އިނގުނު ގޮތުގައި، އޭނާ ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ލަންކާގެ މިލިޓަރީއިން އާންމު ކުރި ބަޔާނެއްގައި ބުނާ ގޮތުގައި، ޕޮޒިޓިވްވި އަންހެން މީހާގެ ޢާއިލާ މިހާރުވަނީ މިލިޓަރީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.
ފެކްޓްރީގައި މަސައްކަތް ކުރި މި އަންހެން މީހާ ވަނީ ފެކްޓްރީ ބަހުގައި މިނުވަންގޮޑާއަށް ދަތުރުކޮށް އަދި އެނބުރި އޭނާގެ ގެ ހުންނަ ދިވުލަޕިޓިޔާއަށްވެސް ދަތުރުކޮށްފައެވެ. މި ބަހުގައި ދަތުރުކުރި އެންމެންވެސް މިހާރުވަނީ ކަރަންޓީނަށް ގެންގޮސްފައެވެ.
ސްރީލަންކާއަކީ ކޯވިޑް ކޮންޓްރޯލް ކުރުމުގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ ޤައުމެކެވެ. އެ ޤައުމު ހިމެނެނީ ދުނިޔޭގެ ނިސްބަތުން ވެސް ކޯވިޑްގެ ނުރަށްކާ ކުޑަކޮށް، ކޯވީޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި މަދު ޤައުމުތަކުގެ ތެރޭގައި އެވެ.
21.67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވީ 3,402 މީހުންނެވެ. އޭގެ ތެރެއިން މިހާތަނަށް 3,258 މީހުން ރަނގަޅު ވެފައިވާއިރު، އެ ޤައުމުން އެ ބަލީގައި މިހާތަނަށް މަރުވީ 13 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!