ދިރާގު ޕޭ އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު އެވެ. އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރު ރޮބިން ވޯލް އެވެ.

Ad
rt

މީރާ އިން ބުނީ އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް "ވާރު ޕޭ" އިން "ދިރާގު ޕޭ" މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މީރާގެ ވާރު ޕޭ އަކީ ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ އޮންލައިން ނިޒާމެކެވެ. އަދި ދިރާގު ޕޭއަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓް ފޯމް އެކެވެ.

ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ މީރާގެ ޕޭމަންޓް ޕާޓްނަރު އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ހިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރު ތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ހިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ހިދުމަތެއް ކަމަށް މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވެފައިވެއެވެ. އަދި މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމުން، ގިނަ ފަރާތްތަކުން މި ފަދަ ހިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތް ތަކުން މީރާ އިން ހިދުމަތް ހޯދުމަށް ވާނެ ފަސޭހަ ވެގެންދާނެ ކަމަށެވެ.