ކުޑަކުދިންތަކަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރު ކުރުމަށް ގޮވާލައި އެދެމަފިރިން ދިރިއުޅެމުންދާ ގެކައިރީ މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ނޫސްވެރިން ސުވާލު ދެންނެވުމުން ފުލުހުން ބުނީ އެ ދެމަފިރިން ފުލުހުން ގެންދިޔައީ އަމިއްލަ ރައްކާތެރިކަމަށް އެދުމުން ކަމަށެވެ. މި މީހުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔައީ އެ މީހުން ހުޅުމާލޭގައި ދިރިއުޅެމުންދާ ގެ ކައިރީގައި ބަޔަކު މުޒާހަރާ ކުރަން ފެށި ފަހުންނެވެ.
އަދި އެ ދެމަފިރިންގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ދެންނެވުމުން ފުލުހުން ބުނީ އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ.
ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ދެ މީހަކު ބެހުނު މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށާފައިވާކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ފުލުހުން ބުނީ ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހަވީރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޔުނާން އަދި ރިހުލާގެ މައްޗަށް ތުހުމަތު ކުރަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 18 އަހަރު ނުފުރޭ ދެ ކުޑަކުއްޖަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ކުށެވެ. ކުޑަ ދެ ފިރިހެން ކުއްޖަކަށް މި ދެމަފިރިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް އަންނަނީ ދެކެވެމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!