އޭދަފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.

"ތިލަދުން" އަށް އޭދަފުށީގެ ޒުވާނަކު މަޢުލޫމާތު ދިން ގޮތުގައި، މި މުޒާހަރާކޮށްފައިވަނީ، އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު، އެ ރަށުގެ ޒުވާނުންނަށް ބޭނުން ކުރުމަށް ދަތިތަކެއް ދިމާވާތީކަމަށެވެ.

Ad
rt

މި ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ޒުވާނުންގެ އަޑު އުފުލާފައިވާއިރު، ގިނަ ޒުވާނުން ބުނަމުން ދިޔައީ، އެ ދަނޑު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ޒުވާނުންނަށްވެސް މަގު ފަހި ވެގެންދާނޭ ގޮތަކަށް ދަނޑު ބޭނުން ކުރެވޭނެ ގޮތް ހަދައި ދިނުމަށެވެ.

ތިލަދުންއަށް މަޢުލޫމާތު ލިބުނު ގޮތުގައި، މި ދަނޑު ޔޫތު މިނިސްޓްރީގެ ފަރާތުން އޭދަފުށީ ކައުންސިލާއި ޙަވާލުކޮށްފައިވީ ނަމަވެސް، ދަނޑުގެ ކޮންޓްރެކްޓަރުގެ އުނދަގޫ ދަނީ އެ ރަށުގެ ޒުވާނުންނަށް ފޯރަމުންނެވެ. މި ގޮތުން، ތިލަދުންއަށް މަޢުލޫމާތު ދިން ޒުވާނާ ވިދާޅުވިގޮތުގައި، ދަނޑުގެ ގޭޓު ތަޅުލުމާއި، ދަނޑުގައި ބަހައްޓާފައިވާ މިނީ ގޯލު ފަދަ ތަކެތި ފޮރުވުން ފަދަ ކަންކަން ދަނީ ކޮންޓްރެކްޓަރުގެ ފަރާތުން ތަކުރާރުވަމުންނެވެ. އެހެންކަމުން، އެ ރަށުގެ ކައުންސިލް އިދާރާއަށް ލިބިދީފައިވާ ބާރުގެ ބޭނުން އެ އިދާރާއިން ނުކުރުމުގެ ސަބަބުން، މި މުޒާހަރާ ކުރީ ކަމަށް ޒުވާނާ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މުޒާހަރާ ކުރިއަށް ދިޔަ ވަގުތު، އެ ދަނޑަށް ކުޅެން ދާ ކުލަބުތަކުގެ އިސްވެރިންނާއި އެ ރަށުގެ ކައުންސިލުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުޅެން ދިޔުމަށް ކުލަބު ތަކަށް ހަމަޖައްސާފައިވާ ތާވަލާއި އެއްގޮތަށް އެ ރަށުގެ ޒުވާނުންނަށް ކުޅެން ދިޔުމަށް މަގުފަހި ކޮށްދެއްވާނެ ކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ކުލަބުތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު، ކައުންސިލު އިދާރާއިން ވަނީ މުޒާހަރާގެ ބައިވެރިންނާއި ބައްދަލު ކުރައްވާ ބައިވެރިންގެ އަޑު އައްސަވާފައެވެ.

މި ވަގުތު އޭދަފުށީ ޓާފް ދަނޑުގައި ކުޅޭ ކުލަބުތަކަށް އޮންނަނީ ޚާއްސަ ތާވަލެއް ހަދާފައެވެ. އަދި މި ތާވަލާ އެއްގޮތަށް ކުޅެން ދިޔުމަށާއި، ދަނޑު ޢާންމު އުޞޫލުތަކާއި ޤަވާއިދުތަކަށް ބޯލެނބުމަށް ހުރިހާ ކުލަބުތަކަށްވެސް އޮންނަނީ އަންގާފައެވެ. މި ދަނޑުގައި ހަމައެކަނި ކުޅެވޭ ގޮތަށް ހަމަޖައްސާފައިވަނީ ކުލަބުތަކަށް ނިޞްބަތްވާ ކުޅުންތެރިން އެކަންޏެވެ.