އައްޑޫ ސިޓީގައި އިއްޔެ ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯއާއި ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ދަނީ އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ކަމަށެވެ.

Ad
rt

ސީޕީ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުމަށް ފުލުހުން މަސައްކަތްކުރާނެކަމަށެވެ. އަދި އައްޑޫގައި ކުރިއަށްދާ މި އޮޕަރޭޝަން ކުރިއަށްދާ ވަރަކުން މިކަމާގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޑުރަގް ޓްރެފިކް ކުރާ އެ ނެޓްވޯކު އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

އެ ނެޓްވޯކުގެ ތިން މީހަކު މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެތައް ބިލިއަން ޕާކިސްތާން ރުޕީސަށް އަރާނެ ކަމަށް އެ ނޫސްތަކުން ބުނެފައި ވެއެވެ.