އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޑުރަގް ޓްރެފިކް ކުރާ އެ ނެޓްވޯކު އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

Ad
rt

އެ ނެޓްވޯކުގެ ތިން މީހަކު މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެތައް ބިލިއަން ޕާކިސްތާން ރުޕީސަށް އަރާނެ ކަމަށް އެ ނޫސްތަކުން ބުނެފައި ވެއެވެ.

އެ ނެޓްވޯކް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ވެސް އެ ނޫސްތަކުން އާންމު ކޮށްފައި ވެއެވެ. އެ ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި ތިބި ބަޔަކު، ފުލުހުން ފެނުމުން އެއްޗެހިތަކެއް ބަންދުކޮށްފައި ހުރި ގޯނިތަކެއް ކަނޑުމައްޗަށް އުކައިލާ މަންޒަރެވެ.

މީގެ އިތުރުން އެ ނޫސްތަކުން އާންމުކޮށްފައި އެ އޮޕަރޭޝަންގެ ފޮޓޯއަކުން ފެންނަ ގޮތުގައި ގޯނިތަކެއް އަރުވާފައި ހުރި ޑިންގީއެއްގެ ތެރޭގައި މީހަކު ފަހަތަށް ބިޑި އަޅުވާފައި ބައިންދާފައި އިން މަންޒަރު ފެނެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ދިވެހި ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ރާއްޖޭގެ ފުލުހުންވެސް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ބަޔަކު މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފައެވެ.