އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސް ވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކޮށްފައެވެ.

އައްޑޫ ސިޓީގައި އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

Ad
rt

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލްގެ ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލޭންޑް އޭވިއޭޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭން ދަތުރުތައް ފެށުމަށް ނިންމާ، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

"ކޮންމެސް ބަޔަކު ގުރުބާން ވެގެން ކުރާ ކަމެއް މިއީ، މިވަގުތު ހުރީ މަދު ޓުއަރިސްޓް ބެޑްތަކެއް، މިއީ މަތިންދާބޯޓު ދަތުރުތަކަށް އެކަށީގެންވާ އަދަދެއް ނޫން، މަތިންދާބޯޓު ވިޔަފާރިއަށް ފަހިކުރަން މިސަރަޙައްދުގައި މަދުވެގެން 6000 އެނދު ގެންނަންޖެހޭ،" މައުސޫމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގުމަކީ ރައީސްގެ ބޮޑު ވައުދެއްކަމަށާއި އިޤްތިޞާދު ލާމަރުކަޒު ކުރުމަކީ އެންމެ އިސްކަންދެއްވާ މަސައްކަތްކަމަށެވެ. އަދި އައްޑޫ ސިޓީއަކީ ދެކުނު އިޤްތިޞާދީ ހަބަކަށް ހެދުމަށް ކުރާ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ދެކުނު އަތޮޅުތަކާއި އައްޑޫ ސިޓީ އިޤްތިޞާދީގޮތުން ގުޅާލުމުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އައްޑޫން ހުވަދޫއަށް ސީޕްލޭން ދަތުރުތަކުން ގުޅުވާލިއިރު، އުތުރުގެ ކުޅުދުއްފުށީ ސިޓީއާއި، އިންޑިއާގެ ކޮޗިންނާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ވެސް މިހާރު ވަނީ ފަށާފައި އެވެ.