ތާރީހުގެ ފަތްފުއްތަކުން ފެންނަން ހުރި ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން އެންމެ ފުރަތަމަަ ފަހަރަށް ލިބިފައި ވަނީ 1153 ވަނަ އަހަރުއެވެ. އެއީ އެޒަމާނުގައި ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުން އިސްލާމްދީން ޤަބޫލް ކުރެއްވުމާ ހަމައިންނެވެ. އޭގެފަހުން އެޒަމާނުން ފެށިގެން މިއަދާއި ހަމައަށް އިސްލާމްދީން ފޯރާފައިމިވަނީ އަޅުގަނޑުމެންގެ ކާނބަފައިންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމެއްގެ ސަބަބުން ކަމާމެދު ޝައްކެއް ނެތެވެ.

ހަމައެހެންމެ އަހަރެމެންގެ މި ޤައުމު، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށް ވާސިލްވެފައި ވުމުން އެކަމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ކާންބަފައިންގެ ހިތުގައި އިސްލާމް ދީނަށް ދެވުނު ޤަދަރާއި ލޯތްބެވެ. މި މަތިވެރި ދީން ދަމަހައްޓައި، ނަގަހަށްޓަން ކާބަފައިންވި މަތިވެރި ގުރުބާނީއެވެ.

Ad
rt

މި ހިސާބުން އަޅުގަނޑުގެ މަޢުލޫ މި ގުޅުވާލަނީ 19 ވަނަ ގަރުނު ދުއް ޚިދުމަތްތެރި، ނަމޫނާ ދިވެހި ދަރިއެއްގެ ވާހަކައިން ތަންކޮޅެއް ގެނެސް ދިނުމަށެވެ. އެއީ ތިލަދުންމަތީގެ ށ. ފީވަކުގައި އިސްލާމްދީން، އަންނަން އޮތް ޖީލުތަކަށް އެންމެ އެދެވޭގޮތުގައި ފޯރުކޮށްދިނުމަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފީވަކުގެ ފަޚުރުވެރި ދަރިއެކެވެ.

1900 ގެ ކުރީކޮޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އިބްރާހިމް އަބްދުއް ރަޙްމާން ހަސަން، އާންމު ނަމުން ނަމަ ފީވަކު މުދިންބެ ނުވަތަ މުދިމު ކަތީބަކީ ޙާއްސަކޮށް ފީވަކަށް އެކި އެކި ރޮނގު ރޮނގުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ޚިދުމަތްތަކުގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ ދީނީ ރޮނގުން ކޮށްދެއްވާފައި ހުރި އެކިއެކި އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެވެ.

އޭނާ މި ފަނާކުރުވަނިވި ދުނިޔެ ދޫކުރަށްވާފައި ވަނީ އުމުރުން ގާތްގަނޑަކަށް 90 އަހަރު ވެފައިވަނިކޮށް 28 ޖޫން 1997 ގައެވެ. ފީވަކު މުދިންބެ އަށް 10 ދަރިން ލިބިވަޑައި ގަތެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބީ 2 ދަރިންނެވެ.

މިއަދާއި ހަމައަށް އައި އިރު އޮތް މުދިންބޭގެ ހަމަ އެކަނި ފޮޓޯ

ފީވަކު މުދިންބެގެ އަނބިކަނބަލުން ފާތިމަތު ޤާސިމްވެސް ހަމަ މުދިންބެއެކޭ އެއްފަދައިން ދީނުގެ ކަންކަށް ލޯބި ކުރެއްވިއެވެ. އެދުވަސްވަރު ރަށުން ނިޔާވަމުން ދިޔަ އަންހެނުންގެ ކަށިކަމާކެމީހެ ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވީ މުދިންބޭގެ އަނބިކަނބަލުންނެވެ. އަދި އޭނާއަކީ ދީނީ ގޮތުން އޭނާއަށް ލިބިފައިވާ އިލްމުގެ ބޭނުން ކޮށްގެން ރަށުގެ މީހުން ދީނީ ގޮތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރެއްވި ކަނބަލެކެވެ.

ފީވަކު މުދިންބެއަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން ހާއްސަކޮށް ދީނީ ކަންކަމުގައި އޭނާގެ އުމުރު ހޭދަކުރި ބޭފުޅެކެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ މުދިމެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްވަރުގެ ކަންކަމެވެ. އޭރުގައި ފީވަކުގައި ހުރި ކުޑަ މިސްކިތުގައި ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން މުދިމު ކަމުގެ ވަޒީފާ އަދާކުރަށްވަން ފަށްޓަވާފައެވެ.

މުދިންބެ ވަނީ މި ވަޒީފާގަައި ޖުމްލަ 45 އަހަރަށްވުރެއް ގިނަދުވަސް ހޭދަކޮށްފައެވެ. މުދިންބެ އަކީ ކޮންމެ ނަމާދަކަށްވެސް ވަރަށް ފަރުވާތެރި ބޭފުޅެކެވެ. ރަށުގެ މުދިމު ކަމުގައި ހުންނެވިއިރު ކޮންމެ ނަމާދެއްގެ 30 މިނެޓު ކުރިން މިސްކިތައް މުދިންބޭ ހާޟިރު ވާނެކަމަށް ރަށުގެ ބައެއް އިސް މީހުން ބުނެއެވެ. އަދި މުދިންބެއަކީ ރަމަޟާން މަސް ނޫނަސް، އަބަދުވެސް ރޭއަޅުކަން ކުރުމުގައި ހޭދަކުރާ ބޭފުޅެއްގެ ގޮތުގައި ރަށުގެ ގިނަބަޔަކު ފާހަގަކުރެއެވެ. އަދި ސުންނަތް ނަމާދުތައް ކުރުމުގައިވެސް އޭނާއަކީ ހަމަ ކޮންމެ މީހަކަށްވެސް ހުރި ނަމޫނާއެކެވެ. ފަތިސް ނަމާދަށްވެސް ދަންވަރުގެ ވަގުތު މިސްކިތައް ދާ ކަމަށްވެއެވެ.

އެދުވަސްވަރު މުދިންބެ މުދިންކަން ކުރި މިސްކިތެއް، މިހާރު މި މިސްކިތް ނެތް

އެޒަމާނަކީ ރަށުގެ ބޮޑުބައެއްގައި ޖަންގަލި އޮންނަ ޒަމާނަށްވެފައި، މުދިންބޭ މުދިންކަން ކުރާ ކުޑަ މިސްކިތައް ވެސް ދާންޖެހެނީ ޖަންގައްޔެއްގެ ތެރެއިންނެވެ. އެތަޖުރިބާ މުދިންބޭގެ ދުނިޔޭގައި ވަނީ އޭނާގެ ދަރިއަކާއި ހިއްސާ ކޮށްފައެވެ.

"ދަންވަރުގެ ވަގުތު މިސްކިތައް ދާ ދިއުމުގައި ވަރަށް ގިނަ ރޭރޭ ބޮޑުނިކަގަސް ހުންނަ ސަރަހައްދުން އާދަޔާ ހިލާފް ބިރުވެރި ކަންތައްތަކާއި ދިމާވޭ. ބައެއް ރޭރޭ އެތަނުން އަލިފާންގަނޑެއްވެސް ފެނޭ. އަދި އާދަޔާ ހިލާފް ބިރުވެރި އަޑުތައްވެސް އިވޭ. އެކަމަކުވެސް ﷲ އަށް ވަކީލް ކުރުމަށްފަހު މިސްކިތަށް ދަނީ."

މުދިންބެ ކިޔައިދިން ކަމަށް އޭނާގެ ދަރިއަކު ބުނެފައި ވެއެވެ.

ފީވަކު މުދިންބެއަކީ އެޒަމާނަށް ބަލާއިރު، ތައުލީމީ ގޮތުންވެސް ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މާލެއަށް ވަޑައިގަން، އިސްލާމް ދީނާ ގުޅުން ހުރި އެކި އެކި ކޯސްތަކާއި، ތަމްރީންތައް ފުރިހަމަ ކުރަށްވާފައެވެ.

މުދިންކަމުގެ އިތުރުން އޭނާވަނީ ރަށުގެ އެތައް ބަޔަކަށް ދީނީ އިލްމު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަށްވާފައެވެ. އެގޮތުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުގެ މުހިންމުކަމުގެ ވާހަކައާއި، ވުޟޫކުރުމުގައި އަދި ނަމާދުކުރުމުގައި ގެންގުޅެން ޖެހޭނެ އަދަބުތަކާއި، ރަމަޟާންމަހު ރޯދަ ހިފުމުގައި އަމަލުތައް ބަހައްޓަންޖެހޭނެ ގޮތްތަކާއި، ﷲ އަށް ވަކީލްކުރުމުގެ މުހިންމުކަން ފަދަ އެތައް ވާހަކަތައް މުދިންބެ ވަނީ އޭރު ރަށުގައި އުޅުނު އެތައް ބަޔަކަށް ކިޔައިދީ، އޮޅުން ފިލުވައި ދީފައެވެ.

ގޭގައި އުޅޭވަގުތުވެސް މުދިންބެއަކީ އޭނާގެ ދަރިންނަށް ވަރަށް ގިނައިން މިފަދަކަންކަމަަށް ނަސޭހަތްތެރިވެ އުޅުނު މީހެއްގެ ގޮތުގައި، އޭނާގެ ދަރިއަކު ފާހަގަ ކުރެއްވިއެވެ. މުދިންބެއަކީ ރަށުގެ ބައެއް ކުދިންނަށް ޤުރުއާން ޢިލްމު އުނގަންނައި ދިނުމުގައިވެސް އެކަށޭނަ ބުރަ މަސައްކަތްތަކެއް ކުރަށްވާފައިވާ ބޭފުޅެކެވެ.

ދުވާލަކަށް 2 ރުފިޔާއަށް އެ ދުވަސްވަރު މުދިންބެ ރާނައިދީފައި ފީވަކުގައި ހުރި ގެއެެއް

ރަށުން ނިޔާވާ މީހުން ވަޅުލުމާއި، ކަށުކަމާކެމީގެ ކަންކަމުގައި އިސް މީހެއްގެ ގޮތުން ފީވަކު މުދިންބެ ވަނީ ހަރަކާތްތެރި ވެފައެވެ. މިކަމުގައިވެސް މުދިންބެއަކީ މުއްސަންޖެއް ނުވަތަ ފަޤީރެއް ތަފާތު ނުކޮށް ކަން ކުރަށްވާފައިވާ ބޭފުޅެކެވެ.

ދީނީ ކަންކަމުގެ އިތުރުން މުދިންބެއަކީ އެއް އިރެއްގައި ރަށުގެ ކަތީބުކަންވެސް ކުރަށްވާފައިވާ ބޭފުޅެކެވެ. "މުދިމް ކަތީބު" ކިޔުނީ މިކަމާއި ގުޅިގެންނެވެ.

މުދިންބެއަކީ ކުފުރާ ދަތުރުވެސް ކޮށް އުޅުނު މީހެއްވެސްމެއެވެ. އެހެން ގޮތަށް ދަންނަވާ ނަމަ މުދިންބެއަކީ ކުރޮޅި ތަޅައިގެން، ކުރޮޅި ހިއްކައިގެން، ކުރޮޅި ވިޔަފާރިކުރަން ކަނޑުދަތުރު ވެސް ކޮށް އުޅުނު ބޭފުޅެކެވެ. މިހެން ދަތުރުކޮށް އުޅުމުގެ ތެރޭގައި މީނާވަނީ މަލިކު ބައްތިއަށްވެސް އަރައިފައެވެ.

މީގެ އިތުރުންވެސް ފީވަކު މުދިންބެއަކީ އާމްދަނީ ހޯދުމުގެ ގޮތުން މީހުންގެ ގެދޮރު ރާނައިދީ އުޅުނު މީހެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރުވެސް އެނާގެ މަސައްކަތްތައް ފެންނަށް ހުރި ބައެއް ގެތައް ފީވަކުގެ ބައެއް ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

ދުވާލަކަށް 2 ރުފިޔާއަށް އެ ދުވަސްވަރު މުދިންބެ ރާނައިދީފައި ފީވަކުގައި ހުރި ގެއެެއް

ފީވަކު މުދިންބެ މި ދުނިޔެ ދޫކުރެއްވީ ރަށުގެ ގިނަބަޔަކު ކަރުނައިން ފޯކޮށްލާފައިއެވެ. އެފަދަ ހިދުމަތްތެރި، ލާމަސީލު ދަރިއެއް ވަކިވެދާން އެދޭނީ ކާކުތޯއެވެ؟

ފީވަކު މުދިންބެ މި ދުނިޔެ ދޫކުރެއްވުމާއި ގުޅޭގޮތުން އޭނާގެ ދަރިއަކާއި، އަޅުގަނޑު ސުވާލު ކޮށްލީމެވެ.

"އެއީ ގާތްގަނޑަކަށް ބައްޕަ ނިޔާވުމުގެ އެއް އަހަރު ކުރިއެވެ. އެއްދުވަހަކު ބައްޕަ ގެއަށް އައިސް ރޮއެގެންފައި އަހަރުމެންގެ ގާތުގައި ބުނި، ދަރިފުޅުމެންނޭ! ބައްޕައަކަށް ހިޔެއްނުވޭ މާގިނަދުވަހަކު ބައްޕަ މިދުނިޔޭގައި ހުރެދާނެ ހެންނެއް. ހީވަނީ އެންމެ ގިނަދުވަހަކަށްވެސް ބައްޕަ ހުންނާނީ އެންމެ އަހަރަކުހެންނޭ، ނަމާދުތައް ކުރާއިރުވެސް ފެންނަނީ އެމަންޒަރޭ، ހުވަފެނުގަވެސް ފެންނަނީ ހަމަ މިގޮތައް ކަންތައް ވާތަނޭ، ބައްޕަ އެދުވަހު އެބުނީ ރަނގަޅު ވާހަކައެއް. ބައަޕަގެ ބަސް ވެގެން ދިޔައީ ތެދުބަހަކަށް. ބައްޕަ އެހެން ބުނިތާ ގާތްގަނޑަކަށް އަހަރެއް ވީތަނާ ބައްޕަ މިދުނިޔެ ދޫކުރެއްވި."

މުދިންބެގެ ދަރިފުޅު ބުނެފައި ވެއެވެ.

"ބައްޕަ މިދުނިއެއިން ވަކިވެގެން ދިޔައީވެސް ނަސޭހަތުގެ މަތީގައި. މަރުވަމުން ދިޔަވަގުތުވެސް ކައިރީގައި ތިބި މީހުންނަށް އެތައް ނަސޭހަތެއް ލައިދިން. އެގޮތުން މުދާ ބެހުމުގައި އެއް ދަރިއަކު އަނެއް ދަރިއަކަށް ތަފާތު ނުކުރުމަށް ނަސޭހަތްތެރިވި. ނަމާދުތައް ބަރާބަރަށް ކުރުމަށާ ޒުވާބު ނުކުރުމަށާއި ހެޔޮ އަމަލު އިސްކުރުމަށް ނަޞޭހަތްތެރިވި."

އިތުރަށް މުދިންބޭގެ ދަރިފުޅު ކިޔައި ދިނެވެ.

ފީވަކުގެ އެންމެން ކަހަލަ ގޮތަކަށް، މުދިންބެ ފާހަގަކުރަނީ، ވަރަށް ތެދުވެރި، އެހާމެ ދީންވެރި ، ނަޞޭހަތްތެރި އަދި އިލްމުވެރި ބޭފުޅެއްގެ ގޮތުގައެވެ. ފީވަކު މުދިންބެއަކީ އަދި މިހާތަނަށް އައި އިރުވެސް ފީވަށް ނުދެކޭފަދަ ވަރުގަދަ ޝަޙްސިއްޔަތެއްގެ ގޮތުގައި ރަށުގެ ގިނަ މީހުން ފާހަގަ ކުރެއެވެ. ޔާ ﷲ! އަލް މަރްހޫމް އިބްރާހިމް އަބްދުއް ރަހްމާން (ފީވަކު މުދިންބެ) ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށި! އާމީން.