މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގައި ޝާމިލުވާ ފަރާތްތަކާއި، އެ ޚިޔާނާތުގައި ހިންގާފައިވާ އެންމެހާ މުޢާމަލާތްތަކުގެ ތަފްޞީލް މިހާރުން މިހާރަށް ލަސްނުކޮށް ޢާންމު ކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީގެ އޮފީހުން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ޚިޔާނާތުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކުގެ އިތުރުން، ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްޞީލް ވީހާވެސް އަވަހަށް، ލަސްނުކުރަށްވާ، ކަމާބެހޭ އެންމެހާ ފަރާތްތަށް ހާމަކުރެއްވުމަށެވެ.

Ad
rt

އޭގެ އިތުރުން، އެ ޕާޓީއިން ވިދާޅުވެފައިވަނީ، މީގެ ކުރީގައި ރައީސް ޔާމީންގެ ވެރިކަމުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، އެ ވެރިކަމުގައި ހިންގަމުންއައި ޚިޔާނާތުގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކެވި ޕާޓީއަކީވެސް އެ ޕާޓީ ކަމަށެވެ. އަދި އެއަށްފަހު އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބް ކުރިއަށް ގެންދެވި ޣައިރު ޤާނޫނީ ކަންކަމުގެ ވާހަކަވެސް ދެއްކެވީ އެ ޕާޓީއިން ކަމަށެވެ. އަދި މި ހުރިހާ ވާހަކައެއްވެސް އަދާލަތު ޕާޓީއިން ދައްކަވާފައިވަނީ، އޭރުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެގެންކަމަށްވެސް އެ ޕާޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެ ޕާޓީއިން ފާހަގަކުރައްވަވާ އެންމެ ބޮޑު އެއްކަމަކީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުން ލިބިފައިވާ އެއްވެސް ލާރިއެއްގައި ނުވަތަ މުދަލެއްގައިވެސް އެ ޕާޓީއިން ޖެހިލައްވާފައި ނުވާނެ ކަމެވެ. އަދި އެ ޕާޓީއިން މި ކަމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ޔަޤީންކަން ދެއްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީއިން މިގޮތަށް ޓްވީޓް ކުރައްވަވާ ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް، ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް އަޑު އެހުމުގައި ވަނީ، ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސިޔާސީ ޕާޓީތަކަށްވެސް، އެ ޚިޔާނާތުގެ ފައިސާ އަދި މުދަލުގައި ޖެހިވަޑައިގަތް ކަމަށް ތުހުމަތު ކުރައްވާފައެވެ.