ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވި ނަމަވެސް ވެރިކަމާއި ދުރަށް ދިއުމަށް ދެކޮޅު ހައްދަވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ރިޔާސީ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްއިރު އެނޫންގޮތަކަށް އެކަން ވެއްޖެ ނަމަ އެެހެން ސަރުކާރަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމުގަ އެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެކަން ބަލަން ޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ވާހަކަ އެހެން ހުރީ ޕޯސްޓް މެދުވެރިކޮށް ލާ ވޯޓާ މެދު 2016ގެ އިންތިހާބުން ފެށިގެން އުފައްދަވަމުން އަންނަ ޝައްކުތަކުގެ ސަބަބުންނެވެ. އެކަމަކު ޓްރަމްޕަކީ ވެސް ކުރިން ޕޯސްޓް މެދުވެރިކޮށް ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވި ބޭފުޅެކެވެ. އަދި އެ ނިޒާމުގައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ކަހަލަ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގައިފައި އޮތް ކަމަކަށް މިހާތަނަށް އެނގިފައެއް ވެސް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވީ، ވޯޓާ ބެހޭގޮތުން ކުރިންސުވެސް ޝަކުވާ ކުރަމުން އަންނަ ކަމަށާއި، މި ވޯޓު ކަރުދާހަކީ މުސީބާތެއް ކަހަލަ އެއްޗެއް ކަމަށެވެ.
އެހެން ޓްރަމްޕް ވިދާޅުވުމުން، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ހަމަނުޖެހުންތައް މިހާރު ވެސް ހިނގަމުން ދާ ކަމަށް ބުނެ ރިޕޯޓަރު ކުރަން އުޅުނު ސުވާލު ހުއްޓުވާފައި ޓްރަމްޕް ވިދާޅުވީ "ވޯޓު ކަރުދާސްތަކުން ސަލާމަތްވޭ، އޭރުން ސުލްހަވެރިކަން ފެންނާނެ" ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، ސުޕްރީމް ކޯޓުން ނިންމަންޖެހިދާނެ ކަމުގެ އިޝާރާތް ޓްރަމްޕް ދެއްވާފައި މިވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރުތް ބާޑާ ގިންސްބާގް މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް ޓްރަމްޕްގެ ކޮންޒަވެޓިކް އިންޖީލީ ފިކުރުގެ ފަނޑިޔާރަކު އިސްކުރުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮތީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!