ނަމޫނާއެއްގެ ގޮތުގައި ބައްލަވަނީ ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ކަމަށާއި، ބޮޑު މުޙައްމަދު ކަލޭފާނު ދުނިޔޭގައި ހުންނެވި ނަމަ އަޅުވެތިކަމާއި ދެކޮޅަށް ނުކުންނަވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާ ނަމޫނާއަކަށް ބަލަނީވެސް އަދި ސިޔާސީ ލީޑަރެއް ކަމަށް ދެކެނީވެސް ހަމަ ކުޅުދުއްފުށީ ދަރިއެއް ކަމަށެވެ.

Ad
rt

އެއީ ކުޅުދުއްފުށީ ފަޚުރުވެރިވާނެ ދަރިއެއް ކަމަށާއި، އެ ދަރިއަކަށްޓަކައި މިއަދުވެސް މުޅި ތިލަދުންމަތި ފަޚުރުވެރިވާ ދަރިއެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

''އެއީ ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު، ހަމަޔަޤީނުންވެސް މިއަދުވެސް އެކަލޭފާނު ދުނިޔޭގައި ހުރިނަމަ އަޅުވެތިކަމާއި ދެކޮޅަށް ނުކުންނާނެ، ހައްގު މިންވަރު ހޯދަން ފަސް ނުޖެހޭނެ، ތިލަދުން މައްޗަށްޓަކާއި ޤުރުބާން ވާނެ''

މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ މިހެންވިދާޅުވެފައި މިވަނީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން ބަޔަކު ސޯސަލް މީޑިއާގައި، އޭނާ ނުދައްކަވާ ވާހަކަތަކެއް ކުޅުދުއްފުށްޓާއި ގުޅުވައިގެން ފަތުރަމުންދާ ވިދާޅުވެ، ކުރިން ސޯސަލް މީޑިއާގައި ޝުއޫރު ފާޅު ކުރެއްވުމަށްފަހުއެވެ.

އޭނާއާއި ގުޅުވައިގެން ސޯސަލް މީޑިއާގައި ދައުރުކުރާ ފޮޓޯއެއް ހިމަނުއްވާ މޮސްޓާ ކުރިން ވިދާޅުވީ އެމްޑީޕީއިން ކިތަންމެ ވަރަކަށް އޭނާގެ އަގު ވައްޓާލަން މަސައްކަތް ކުރިނަމަވެސް ''އިންޑިއާ އައުޓް'' ކިޔުން ހުއްޓާ ނުލަށްވާނެ ކަމަށެވެ.

ތިލަދުންމަތީގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ އެމްޑީޕީ ބައެއް މެމްބަރުން އިންޑިއާ އިން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުންނާ ބައްދަލު ކުރާ ފޮޓޯއެއް ޓްވީޓު ކުރައްވައި، ހަމަ ޔަގީނުންވެސް މުޅި ތިލަދުންމަތީގެ އެމްޑީޕީ ހުރިހާ މެމްބަރުން، ދިވެހި މި ގައުމު އިންޑިއާއަށް ވިއްކާލުމުގެ ފިނޑި އަމަލުގައި ބައިވެރިވިޔަސް އެކަމާ ދެކޮލަށް އަޑު އުފުލަން ފަހު ނޭވާއާ ހަމައަށް ވެސް އޭނާ ހުންނަވާނެ ކަމަށް ވިދާޅުވެ، ވެސް މޮސްޓާ ކުރިން ވަނީ ޓުވީޓް ކުރަށްވާފައެވެ.

މޮސްޓާ އިންޑިއާއި ދެކޮޅަށް ފާޅުގައި އަޑު އުފުލަމުން ގެންދަވާއިރު، އިންޑިއާގެ ބައިބެރި ވުމާއިއެކު ތިލަދުންމަތީގައި އަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ތައްޔާރު ވަމުންނެވެ. މިގޮތުން އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން އިންޑިއާގެ އެހީތެރިކަމާއިއެކު ހއ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއަދު ވަނީ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ.