ސްޓެލްކޯއިން ‏ކ. ކާށިދޫ އަދި ‏ކ. ގާފަރަށް އައު ޖަނަރޭޓަރު ސެޓު ފޮނުވައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ދެ ރަށަށް ފޮނުވުނު އައު ޖަނަރޭޓަރު ސެޓުތަކާއިއެކު އެ ދެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށެވެ.

Ad
rt

މި ގޮތުން ސްޓެލްކޯއިން ‏ކ. ކާށިދޫއަށް ފޮނުވާފައި ވަނީ 600 ކިލޯވޯޓުގެ އައު ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ސެޓު މިހާރު ވަނީ ކާށިދޫއަށް ގެންދެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ‏ކ. ގާފަރަށް ފޮނުވާފައި ވަނީ 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރު ސެޓެކެވެ. އެ ސެޓު މިހާރު ވަނީ އެ ރަށަށް ގެންދެވި އެ ރަށުގެ އިންޖީނުގޭގައި ބެހެއްޓިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ގެންދަނީ މާލެ ސަރަހައްދުގެ އިތުރުން އެކުންފުނީގެ ދަށުން ހިންގާ އަތޮޅު ތެރޭގެ އިންޖީނުގޭތަކުން ދެވޭ‏ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިހާރު ވެސް އެ ކުންފުނިން ދަނީ ވ. ކެޔޮދޫ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަހުގެ ނިޔަލަށް މި މަސައްކަތް ނިންމަން ހަމަޖެހިފައި ވާއިރު، މިހާރު ވަނީ މި މަސައްކަތުގެ 75 އިންސައްތަ ނިމިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މި މަސައްކަތް ނިމުމާއެކު ކެޔޮދޫއަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.